02 Dec 2013, 09:12
ބެންކޮކް (ޑިސެމްބަރު 2): ތައިލެންޑްގެ ބޮޑުވަޒީރާ ޔިންގްލަކް ޝިނަވަޓްރާ އަށް އޮތީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށާއި އެކަމަށް ޓަކައި 48 ގަޑި އިރުގެ މުހުލަތެއް އެކަމަނާ އަށް ދެވިފައިވާ ކަމަށް މަގުމަތިން ސަރުކާރު ވައްޓާލާނެ ކަމަށް ބުނެ މުޒާހަރާތައް ކުރަމުންގެންދާ އިދިކޮޅު ފަރާތްތަކުގެ އިސް ލީޑަރު ސޫތެޕް ތައުގުސްބާން ވިދާޅުވެއްޖެ އެވެ.
ސޫތެޕް ތައުގުސްބާން ވިދާޅުވީ ސަރުކާރުގެ ހުރިހާ ވުޒާރާތަކެއް ކޮންޓްރޯލްގެ ދަށަށް ގެނަސް ގައުމުގެ ހުރިހާ ކަންކޮޅުތަކަކަށް މުޒާހަރާތައް ފަތުރައި ސަރުކާރުގެ ހަރަކާތްތައް މިއަދު މުޅިން ހުއްޓުމަކަށް ގެންނާނެ ކަމުގަ އެވެ. ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި ސޫތެޕް ތައުގުސްބާން ވިދާޅުވީ ހަތިޔާރުގެ ބޭނުންނުކޮށް ސަރުކާރުގެ ބާރަ އިމާރާތެއް އިއްޔެ ހިފާފައިވާނެ ކަމަށާއި މިއަދު އިތުރު ތަންތަން ހިފައި މުޅި ސަރުކާރު ހުއްޓުމަކަށް ގެނައުމަށް ނިންމާފައިވާނެ ކަމުގަ އެވެ. އެހެންކަމުން ބޮޑުވަޒީރާ ޔިންގްލަކް ޝިނަވަޓްރާގެ ކުރިމަތީގައި އޮތް ހަމައެކަނި ހައްލަކީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮޑުވަޒީރާ ޔިންގްލަކް ޝިނަވަޓްރާ މިހާރު ހުންނެވީ ބެންކޮކްގައިވާ ފުލުހުންގެ މަރުކަޒެއްގައި ކަމަށާއި މައްސަލަ ހައްލު ކުރުމަށް ޓަކައި އިއްޔެ އެކަމަނާއާ ބައްދަލުކޮށް ދެ ދުވަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމަށް ހުށަހަޅާފައިވީ ނަމަވެސް މިބައްދަލުވުމުން ނަތީޖާއެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 48 ގަޑީއިރު ތެރޭގައި ޔިންގްލަކް މަގާމުން އިސްތިއުފާ ނުދެއްވާ ނަމަ ދެންހަދާނެގޮތެއް ވެސް ސޫތެޕް ތައުގުސްބާން ވިދާޅެއްނުވެ އެވެ.
ތައި ސަރުކާރުގެ ސަލާމަތީ ބާރުތަކުން ބުނަނީ ސަރުކާރު ވައްޓާލުމަށް މުޒާހަރާކުރާ އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށަށް ސަރުކާރުގެ އެއްވެސް މުއައްސަސާއެއް އަދި ނުދާކަމުގަ އެވެ. ސަލާމަތީ ބާރުތަކުގެ އިސްމަސްއޫލުވެރިއެއް ކަމަށްވާ ބަރަދުރަން ބަތާނަތާ ބޫތަރު ވިދާޅުވީ މަގުމަތިން ސަރުކާރު ވައްޓާލުމަށް ޓަކައި އިދިކޮޅު އެކްޓިވިސްޓުން ސަރުކާރުގެ ބައެއް ވުޒާރާތަކަށް އިއްޔެ ދިން ޙަމަލާތައް ކާމިޔާބުވެފައިނުވާ ކަމުގަ އެވެ.
މުޒާހަރާކުރާ ފަރާތްތަކުން ތައި ބޮޑުވަޒީރުގެ އޮފީހަށާއި ސަރުކާރުގެ ވުޒާރާތަކާއި މުހިއްމު މުއައްސަސާތަކަށް ގަދަބާރުން ވަދެގަނެ އެތަންތަން ހިފުމަށް އިއްޔެ ކުރިމަސައްކަތް، ސަލާމަތީ ބާރުތަކުން ވަނީ ހުއްޓުވައި އެމީހުން ވަރަށްބޮޑަށް ފަހަތަށް ޖައްސާފަ އެވެ.
މިމައްސަލާގައި ދެފަރާތުގެ ދެމެދުގައި ހިނގި ކުރިމަތިލުންތަކުގައި ހަތަރު މީހަކު މަރުވެ 57 މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ތައި ސަރުކާރުން ވަނީ މުޒާހަރާކުރާ އިދިކޮޅު ފަރާތްތައް ކޮންޓްރޯލްކުރުމަށް ތިން ހާހަށް ވުރެ ގިނަ ޢަސްކަރީ ސިފައިންނާއި ދިހަ ހާހަށް ވުރެ ގިނަ ފުލުހުން ބެންކޮކްގެ މަގުތަކަށް ނެރެފައި ކަމަށް ވެސް ޚަބަރު ލިބެ އެވެ.
އަނެއްކޮޅުން ބޮޑުވަޒީރާ ޔިންގްލަކް ޝިނަވަޓްރާ އަށް ތާއީދުކުރާ ފަރާތްތައް ވެސް (މަޝްހޫރު ރެޑް ޝާޓް މީހުން) މިހާރު ވަނީ ސަރުކާރުގެ ދިފާއުގައި މަގުތަކަށްނުކުމެ އިދިކޮޅު ފަރާތްތަކާ ކުރިމަތިލާން ފަށާފަ އެވެ. އެހެންކަމުން ސަރުކާރު ވައްޓާލުމަށް ކުރާ މަސައްކަތުގައި އިދިކޮޅު ފަރާތްތަކަށް މިހާރު ވަނީ ކުރިޔަށް ވުރެ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފަ އެވެ. މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ތައިލެންޑްގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މުޒާހަރާތައް ކުރަމުންގެން ދަނީ ބޮޑުވަޒީރާ ޔިންގްލަކް ޝިނަވަޓްރާ ވެރިކަން ކޮންޓްރޯލް ކުރައްވަނީ އެކަމަނާގެ ބޭބެ އަދި ކުރީގެ ބޮޑު ވަޒީރު ތަކްސިން ޝިނަވަޓްރާ ކަމަށް ބުނެފަ އެވެ.
ތަކްސިންއަކީ ކޮރަޕްޝަނުގެ މައްސަލަތަކަކާ ގުޅިގެންޖަލަށްލުމަށް ޙުކުމްކޮށްފައިވާ ބޭފުޅެއް ނަމަވެސް އޭނާ ގައުމުން ބޭރުގައި ދިރިއުޅުއްވަމުން ގެންދިޔުމުގެ ސަބަބުން އެހުކުމް ތަންފީޒު ކުރެވޭނެ ގޮތްވަނީ ނުވެފަ އެވެ. (ނޫސްއެޖެންސީތައް)