01 Dec 2013, 15:55
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ތަސްދީގު ނުކުރައްވައި ތިން ފަހަރަށް މަޖިލީހަށް ފޮނުއްވާލެއްވި ޖަލުތަކާއި ޕެރޯލްގެ ބިލް އިސްލާހު ނުކޮށް، މަޖިލީހުން ފާސް ކުރުމަށް ކޮމެޓީން ނިންމައިފި އެވެ.
ޖަލުތަކާއި ޕެރޯލްގެ ބިލް ދިރާސާ ކުރި ގައުމީ ސަލާމަތު ކޮމެޓީން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުއްވާފައިވާ ރިޕޯޓުގައި ބުނެފައި ވަނީ އެ ބިލް ރައީސް ވަހީދު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވިއިރު، އުސޫލީ މައްސަލަތަކެއް ބިލުގައި ނެތް ކަމަށެވެ. އެކަމާ ގުޅިގެން ކޮމެޓީގެ މެމްބަރުންގެ އަގުލަބިއްޔަތުން ނިންމެވީ އިތުރު އެއްވެސް އިސްލާހަކާ ނުލައި ބިލު މިހާރު އޮތް ގޮތަށް ފާސް ކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ.
"މި ބިލަކީ ވީ އެންމެ އަވަހަކަށް ގާނޫނަކަށްވެ، ތަންފީޒު ކުރުން މުހިއްމު، ގާނޫނެއް ކަމަށްވުމާއެކު، ބިލް އަނބުރާ ފޮނުއްވާލެއްވިއިރު، ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައިވާ ނުކުތާތަކަށް ބަލާއިރު، ބިލުގައި ހުރި ކަމަށް ފާހަގަ ކުރައްވާފައިވާ މައްސަލަތަކަކީ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވަންވާވަރުގެ އުސޫލީ އުސޫލީ މައްސަލަތަކެއް ކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށް،" ބިލު އަލުން އިސްލާހު ކުރަން ނުޖެހޭ ސަބަބުތައް ބަޔާންކޮށް ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ބިލުގައި ފުށުއައެރުންތަކެއް ހުއްޓަށް އެކަންތައްތަކަކީ ބިލު ތަސްދީގު ކުރުމަށްފަހު އަލުން އިސްލާހު ކުރެވިދާނެ ކަންތައްތަކެއް ކަމަށް ކޮމެޓީގެ ރިޕޯޓުގައިވެ އެވެ.
ޖަލުތަކާއި ޕެރޯލްގެ ބިލަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޖޫން 20، 2010، ގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ރުގިއްޔާ މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. އެ ބިލް ކޮމެޓީން ދިރާސާ ކުރުމަށްފަހު މަޖިލީހުން ފާސްކޮގެން ތިން ފަހަރެއްގެ މަތިން ރައީސް ވަހީދަށް ތަސްދީގު ކުރުމަށް ފޮނުވި އެވެ. ނަމަވެސް ރައީސް ވަހީދު އެ ބިލް ތަސްދީގު ނުކުރައްވައި އެންމެފަހުން މަޖިލީހަށް ފޮނުއްވާލެއްވީ ސެޕްޓެމްބަރު 17، 2013ގަ އެވެ.
ޖަލުތަކާއި ޕެރޯލްގެ ބިލުގައި ބުނާ ގޮތުން ޖަލު އޮފިސަރަކު އޭނާގެ މައްސޫލިއްޔަތު އަދާ ކުރުމުގެ ގޮތުން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކުރާ ސައްހަ އަމުރަކަށް ނުކިޔަމަންތެރިވާ ގައިދީން ކިޔަމަންތެރި ކުރުމުގެ ގޮތުން ބާރުގެ ބޭނުން ކުރަންޖެހެ އެވެ. އެގޮތުން ގައިދީން ކިޔަމަންތެރި ކުރުމަށް ކަރުނަ ގޭހާއި ޕެޕަ ސްޕްރޭ އާއި ސްޓަން ގްރެނޭޑާއި ރަޔަޓް ކިޔަރާއި އެނޫން ވެސް ދިފާއީ އާލާތްތައް ގައިދީން ކިޔަމަންތެރި ކުރުމަށް ބޭނުން ކުރެވިދާނެ ކަމަށް އެ ބިލުގައި ބުނެ އެވެ. ނަމަވެސް އެ ތަކެތި ބޭނުން ކުރަން ޖެހޭނީ ގައިދީންގެ ފުރާނައަށް ގެއްލުންނުވާނެ ގޮތުގެ މަތިން ކަމަށް ބިލުގައިވެ އެވެ.
ބިލުގައިވާ ގޮތުން ޖަލުތައް ބެލެހެއްޓުމަށްޓަކައި އެމްސީއެސް އުފައްދައި ކޮމިޝަނަރަކާއި ޑެޕިއުޓީ ކޮމިޝަނަރަކު އެތަނަށް އައްޔަން ކުރަންޖެހެ އެވެ. އެ މަގާމަށް އެ ދެ ބޭފުޅުން އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ކުއްލި ހާލަތުގައި އެމްސީއެސްއިން ޖަލުގެ ރައްކާތެރިކަމާއި ހިމާޔަތަށް ފުލުހުންނާއި ސިފައިންގެ އެހީތެކަން ހޯދަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ބިލުގައި ތިން ބާވަތެއްގެ ޖަލު ގާއިމް ކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ތަހުގީގަށް ބަންދު ކުރެވޭ މީހުން ކަސްޓޯޑިއަލް ޖަލާއި ޝަރީއަތް ފެށުމުގެ ކުރިން ނުވަތަ ޝަރީއަތް ފަށައި ހުކުމް ކުރުމުގެ ކުރިން ކޯޓް އަމުރެއްގެ ދަށުން ރިމާންޑް ޖަލުގައި ބަންދު ކުރުމާއި ހުކުމް ތަންފީޒު ކުރާ މީހުން އާންމު ޖަލެއްގައި ބަންދު ކުރުމެވެ. އަދި ކުޑަކުދިން ބައިތިއްބާނެ މަރުކަޒެއް ވެސް ހުންނަންވާނެ ކަމަށް އެ ބިލުގައިބުނެ އެވެ.
ބިލު ބުނާ ގޮތުން ކަސްޓޯޑިއަލް ޖަލު ހިންގައި ބަލަހައްޓާނީ ފުލުހުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކަށާއި މިނިވަން މުއައްސަސާތަކާށާއި ބައިނަލް އަގުވާމީ ޖަލާއަތްތަކަށް ޖަލު ބަލައި މޮނީޓާ ކުރެވޭނެ އުސޫލުތައް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ. ޖަލުގެ ގިންތިތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޖަލެއްގެ ގޮތުގައި މިހާރު ހުރި ޖަލުތައް ބޭނުން ކުރަން ފަށަން ޖެހޭނީ ދެ އަހަރު ފަހުން ކަމަށް އެ ބިލުގައި ބުނެ އެވެ.