އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓްލާ މީހުންގެ ލިސްޓާ ގުޅޭ ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލީ މިއަދުން ފެށިގެން މިމަހުގެ 10ވާ އަންގާރަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓްލާ މީހުންގެ ލިސްޓް އިސީން ވަނީ ކުރިން އާއްމުކޮށްފަ އެވެ. އެލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގެ ވެބްސައިޓާއި އީސީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ވެސް އީސީން ބުންޏެވެ. އަދި ބުނީ މާލެފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލްތަކުގެ އިދާރާތަކާއި އަށްޑޫ ސިޓީގެ އަވަށްތަކުގެ ޑިޕާޓްމަންޓްތަކުގައި އާއްމުކޮށް ފެންނަ ގޮތަށް ބަހައްޓާފައި ހުންނާނެ ކަމަށެވެ.

ވޯޓްލާ މީހުންގެ ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށައެޅޭނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމުން ކަމަށާއި ރަށު ކައުންސިލްތަކުގެ އިދާރާތަކާއި އައްޑޫސިޓީގެ އަވަށްތަކުގެ ޑިޕާޓްމެންޓްތަކުން ފޯމް ބަލައިގަންނާނެ ކަމަށް ވެސް އީސީން މިއަދު ބުންޏެވެ. އަދި މާލޭގައި ފޯމު ބަލައިގަންނާނީ ހަނދުވަރީ ހިނގުމުގައި ހުންނަ އިލެކްޝަންސް ކޮމިޝަންގެ ރެޖިސްޓްރޭޝަންގެ މައި މަރުކަޒުންނެވެ.