01 Dec 2013, 10:52
ފަލްސަފާގެ ބަދަލުގައި ސައިންސްގެ މައްޗަށް ބިނާކޮށް ގައުމީ ޑްރަގް ޕޮލިސީ ހެދުމަށް ޖާނީން ގޮވާލައިފި އެވެ.
ޖާނީގެ އަށް ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި މަސްތުވާތަކެއްޗަށް އަޅުވެތިވުމަކީ ސަމާލުކަންދޭންވީ ކަމަކަށްވާ އިރު، އެ މައްސަލައަކީ އެކަމާ އަޅާނުލާ ތިބޭ ވަރަށް ވުރެ ހަލުވިކަމާ އެކު މި ގައުމުގައި ފެތުރެމުން އަންނަ މައްސަލައަކަށް ވެފައިވާ ކަމަށެވެ.
ގައުމީ ފެންވަރުގައި ހަދާފައިވާ ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އެއަށް އަޅުވެތިވާ މީހުންގެ އަދަދު އަންނަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް އިތުރުވަމުން ކަމަށް ވެސް ޖާނީން ބުންޏެވެ.
މިދިޔަ އަހަރު ހަދާފައިވާ ނޭޝަނަލް ޑްރަގް ސާވޭ އިން ދައްކާ ގޮތުގައި މަސްތުވާތަކެތި ބޭނުންކުރާ ގިނަ ޢަދަދެއްގެ މީހުންނަކީ އުމުރުން 16 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނެވެ. އެ ދިރާސާ އިން ދައްކާ ގޮތުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އަހަރަކު ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ އެކަމަށް ޚަރަދުކުރެ އެވެ. އަދި މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކުރެވޭ މީހުންނާއި ފަރުވާ އަށް އަންނަ ކޮންމެ މީހަކަށް ކޮންމެ މަހަކު އެތައް ހާސް ރުފިޔާއެއް ޚަރަދުކުރެ އެވެ.
ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު އިތުރުވަމުން ދާވަރަކަށް ޤައުމުގެ ސިއްހަތާއި ސަލާމަތާއި އުފެއްދުންތެރިކަމަށް އަދި ކްރިމިނަލް ޖަސްޓިސް އަށް ކުރަން ޖެހޭ ޚަރަދު ދާނީ އިތުރުވަމުން ކަމަށް ޖާނީން ބުނެފައިވެ އެވެ.
އެ ޖަމިއްޔާ އިން ބުނީ މަސްތުވާތަކެއްޗަށް އަޅުވެތިވުމުން ނުވަތަ އޭގެ ސަބަބުން ކުރެވޭ ކުށެއްގެ ސަބަބުން ކުރަން ޖެހޭ ޚަރަދަށް ވުރެ މަސްތުވާތަކެތި ބޭނުންކުރަން ފަށާތާ ކުރީކޮޅު އެ ދާއިރާގެ ތަޖުރިބާކާރެއްގެ އެހީ އާ އެކު އެކަމަށް ފަރުވާ ހޯދުމަކީ ހަރަދުކުޑަ އަދި ބުއްދިވެރި ކަމެއް ކަމަށެވެ. އަދި މިއީ ސިކުނޑީގެ ބައްޔެއްކަން ދެނެގަނެ ހެކީގެ އަލީގައި އެއަށް ފަރުވާކުރާނެ ގޮތްތައް ރާވާ ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާއިމްކުރަން ޖެހޭ ކަމަށެވެ.