ބޭރު ފައިސާގެ ރަސްމީ ރިޒާވް އޮކްޓޯބަރު މަސް ނިމުނު އިރު 341.8 މިލިއަން ޑޮލަރަށް ވެއްޓިފައިވާ ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ދައުލަތުގެ ރަސްމީ ރިޒާވްކަމަށް ބަލަނީ މަރުކަޒީ ބޭންކުގައި ޔޫއެސް ޑޮލަރުން ރިޒާވް ހުންނަ މިންވަރެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފަހަކަށް އައިސް ރިޒާވް އަންނަނީ ދަށްވަމުންނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮކްޓޯބަރު މަހު ރިޒާވް ފައިސާ ވަނީ އޭގެ ކުރީ މަހާ އަޅާބަލާ އިރު 5.7 މިލިއަން ޑޮލަރު ދަށްވެފަ އެވެ. އެއީ ދެ ޕަސެންޓްގެ މަދުވުމެކެވެ. ނަމަވެސް އަހަރުން އަހަރަށް ބަލާ އިރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ރިޒާވްގެ ގޮތުގައި ހުރީ 336.4 މިލިއަން ޑޮލަރެވެ.

ރަސްމީ ރިޒާވްގައި ގައުމެއްގެ މާލީ ހާލަތު ދައްކުވައިދޭ އިގްތިސޯދީ މުހިންމު މިންގަނޑެކެވެ. އަދި ރިޒާވްގައި ހުންނަ ފައިސާ އިން ފުދޭނީ ކިތައް މަސް ދުވަހުގެ އިމްޕޯޓަށްތޯ ބަލާ މިންކުރެ އެވެ.

މަރުކަޒީ ބޭންކުން އެންމެ ފަހުން ނެރުނު އިގްތިސޯދީ ރިވިއުގައި ބުނެފައި ވަނީ މިހާރު ރިޒާވް ހުރި މިންގަނޑަކީ ކުރިއަށް އޮތް 2.5 މަސް ދުވަހުގެ ތެރޭގައި ރާއްޖެ އަށް ބޭނުންވާ މުދާ އިމްޕޯޓް ކުރެވޭނެ މިންވަރު ކަމަށެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަނީ ރާއްޖޭގެ ދަރަނި ބޮޑުވެ ރިޒާވުން ވެސް ދަރަނި ފޫބައްދަން ހޭދަ ކުރަން ޖެހޭތީ ރިޒާވް ދަށަށް ދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.