01 Dec 2013, 10:08
ފުޓްބޯޅަ މެޗުތަކުގައި ވަގުތު ބޭކާރު ކުރުން މަދު ކޮށް ކުޅޭ ވަގުތު އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން "60 މިނިޓް – ޑޯންޓް ޑިލޭ. ޕްލޭ"ގެ ނަމުގައި ކެމްޕެއިނެއް ފަށަން ނިންމައިފި އެވެ.
އޭފްސީގެ 60 މިނިޓް ކެމްޕެއިން ތައާރަފް ކުރުމަށް ނިންމާފައިވާކަން ހާމަކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ކުއާލަ ލަމްޕޫރުގެ މެރީޑިއަން އޮރިއެންޓަލް ހޮޓެލްގައި އޮތް "އޭއެފްސީ އެވޯޑް ނައިޓް" ރަސްމިއްޔާތުގަ އެވެ.
އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އިން ފާހަގަކޮށްފައި ވާގޮތުގައި އޭއެފްސީ މުބާރާތްތަކުގައި މެޗެއްގައި ކުޅުމުގެ ތެރޭގައި ހޭދަވާ އެވްރެޖް ވަގުތު ރެކޯޑު ކުރެވިފައި ވަނީ 52.07 މިނިޓް އެވެ. އެއީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ބާއްވާ މުބާރާތްތަކުގެ މެޗުތަކުގައި ކުޅުމުގެ ތެރޭގައި ހޭދަވާ ވަގުތަށް ވުރެ 7.25 މިނިޓު މަދު އަދި ޔޫރަޕްގެ ބޮޑެތި ލީގުތަކަށް ވުރެ 11.50 މިނިޓް މަދު އަދަދެއް ކަމަށްވާތީ، އެކަމަށް ވެސް އޭއެފްސީގެ ހޯދުންތަކުން ދައްކަ އެވެ.
"ފީފާގެ މުބާރާތްތަކުގައި އެވްރެކްކޮށް ކުޅުމުގައި ހޭދަވާ ވަގުތާ ހަމަހަމަ ކުރުމަށް އޭޝިއާގެ ޓީމުތަކުން އެބަޖެހޭ އަށެއްކަ މިނިޓްގެ ކުރިއެރުމެއް ހޯދަން. ފަސްދޮޅަސް މިނިޓް ކެމްޕެއިން ބައްޓަން ކުރެވިފައި މިވަނީ، އޭޝިއާގެ މުބާރާތްތަކަށް މި އަދަދު ހަމަވާނޭ ގޮތަށް އަދި އޭގެ ފައިދާ ހުރިހާ މެޗުތަކަށް ވެސް ލިބޭނޭ ގޮތަށް،" އޭއެފްސީގެ ވެބްސައިޓްގައި ލިޔެފައިވެ އެވެ.
މެޗުތައް ކުޅެމުންދާއިރު ބައެއް ޓީމުތަކުން ވަގުތު ބޭކާރު ކުރުމަށް ކުރާ ކަންތައްތަކުގެ ސަބަބުން ފުޓްބޯޅަ ބަލަން ވަންނަ މީހުން އެ ކުޅިވަރުގެ މަތިން ފޫހިވާހިސާބަށް ބައެއް ފަހަރު ޓީމުތަކުގެ އަމަލުތައް ބަހައްޓާއިރު އޭއެފްސީން ބުނީ މިފަދަ ކެމްޕެއިނެއްގެ ސަބަބުން، ފުޓްބޯޅަ މެޗުތައް ކުޅުމުގައި ހޭދަކުރާ ވަގުތު ގިނަވުމުގެ އިތުރުން، ކުޅިބަލަން ވަންނަ މީހުންނަށް ވެސް އޭގެ ހަގީގީ ހިތްހަމަޖެހުން ލިބޭނޭ ކަމަށެވެ. އަދި ފުޓްބޯޅަ މާކެޓްކުރުމަށާއި ބްރޮޑްކާޓަރުންގެ ޝައުގުވެރިކަން ހޯދުމުގެ އިތުރުން ފުޓްބޯޅައަށް އިންސްވެސްޓު ކުރުމަށްވެސް މި ކެމްޕެއިންގެ ސަބަބުން ފުރުސަތުތަކެއް ހުޅުވިގެންދާނޭ ކަމަށް އެ އިދާރާއިން ބުންޏެވެ.
އޭއެފްއެސީ ބުނެފައިވާ ގޮތުގައި 60 މިނިޓް ކެމްޕެއިން ހިންގުމަށްޓަކައި އެ އިދާރާ އިން ވަނީ ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް ރާވައިފަ އެވެ. އެގޮތުން ރެފްރީންނަށް ޓީމުތަކުގެ ކޯޗުންނާއި ކުޅުންތެރިންނަށް ހާއްސަކޮށްގެން އެޑިއުކޭޝަނަލް ޕްރޮގްރާމްތަކެއް ހިންގުމާއި ފައުލްތައް މަދުކުރުމާއި "އެޑްވާންޓޭޖް ރޫލް"އާ ބެހޭ ގޮތުން ހާއްސް އެޕްލިކޭޝަން ތަކެއް ތައާރަފްކުރެވޭނެ އެވެ.
އޭއެފްސީން ނިންމާފައި ވަނީ، 60 މިނިޓް ކެމްޕެއިން ޑިސެމްބަރު 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެމްޕިއަންސް ލީގާއި އޭއެފްސީ ކަޕްގެ ގުރުނެގުމުގެ ރަސްމިއްޔާތާ އެކު ފެށުމަށެވެ. އަދި އޮސްޓްރޭލިޔާގައި 2015 ވަނަ އަހަރު ބާއްވާ އޭއެފްސީ އޭޝިއަން ކަޕާ ހަމައަށް މި ކެމްޕެއިންގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ވެސް އެ އިދާރާއިން ވަނީ ނިންމާފަ އެވެ.