08 Dec 2010, 06:02
ތާރީހުގެ ތެރެއަށްދާއިރު ދެވަނަ ޖުމްހޫރިއްޔާގެ ކުރީކޮޅު ދިވެހިން ގުދާރު ބިންދައިގެން އެ ރަށެއްގެ ހާލަތު ބަދަލުކުރި ރަށަކީ ވެސް ހުޅުލެ އެވެ. “ބޮޑު މީހެ"އްގެ ބިރުވެރި ވާހަކަ އާ ގުޅި ފައިވާ ރަށަކީ ވެސް އެއީ އެވެ. ދިވެހިން ހާލަތު ބަދަލުކޮށް ދިވެހިންގެ މޫނުގެ ގޮތުގައި "މާލޭ އިންޓަނޭޝަނަލް އެއާޕޯޓް" އެޅި ރަށަކީ އެއީ އެވެ.
މިހާރު އަޑުހަރުކޮށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ ވާހަކަ ދައްކަނީ ދިވެހިނަށް ހުޅުލެއިން "ބޮޑު މީހާ" ފެންނާތީ، އެކަމާ ސިހޭވަރަކުން ނޫނެވެ. ދިވެހިންގެ މައިގޭޓުގެ، މުސްތަގުބަލާ މެދު އެތައް ސުވާލެއް އުފެދި ޖަވާބެއް ލިބިފައިނެތީމަ އެވެ.
ސަރުކާރުން އެއާޕޯޓް ސިފަކުރަނީ "ބާލިދީ އިންޓަނޭޝަނަލް" އެއާ ޕޯޓުގެ ގޮތުގަ ކަމަށްވިއަސް ދިވެހިން އެ އެއާޕޯޓް ސިފަކުރަނީ ދިވެހިންގެ ސެހެންޝާހާއި ގަދަރު ދައްކުވައިދޭ ރަމްޒެއްގެ ގޮތުގަ އެވެ. އެހެންކަމަށް ވާނަމަ ދިވެހިންގެ އަތުން އެއާޕޯޓް ބީވެގެން ހިނގައިދާނެ ކަމުގެ ބިރު ދިވެހި ރައްޔިތުންގެ ހިތުގައި ނުއުފެދޭންވީ ސަބަބެއް ނެތެވެ. ސަރުކާރުގެ ވިސްނުމުން މިން އަޅާ ނަމަ އެކަމާ ކަންބޮޑުވެ ފިކުރު ކުރާނެ ކަމެއް ނެތެވެ.
"ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލެއް އަންނަން ބޭނުން ކަމުގައިވާ ނަމަ ރާއްޖޭގެ މައިދޮރުއާށި، މިހާރުން މިހާރަށް ފެންވަރުން އެހެން ފެންވަރަކަށް ބަދަލު ވާން އެބަޖެހޭ. އަޅުގަނޑަށް މިހާރު ހީވަނީ މިއީ ބާލިދީ އިންޓަނޭޝަނަލް އެއާޕޯޓް ހެން. ވިއްސާރަ ވެހިއްޖެ ނަމަ މި އެއާޕޯޓްގެ ހާލަތު ބަދަލުވާ މިންވަރު އަޅުގަނޑުމެނަށް އިނގޭނެ،" ރަސްމީގޮތުން ޖީއެމްއާރާ އެއާޕޯޓް ހަވާލުކުރުމަށް ބޭއްވި ރަސްމިޔާތުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުން އެންމެ ފުރަތަމަ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓައިޒް ކުރުމުގެ ވާހަކަތައް ދައްކަން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. ބިޑް ކުރުމުގެ ހުރިހާ ކަމެއްވެސް ކުރިއަށް ދިޔައީ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ (އައިއެފްސީ) ބެލުމުގެ ދަށުން ކަމުގައި ސަރުކާރުން ބުނި ނަމަވެސް، ބީލަމުގައި ބައިވެރިވި ތުރުކީ އާއި ފުރާންސުގެ ކުންފުނިންތަކުން ވެސް ވަނީ ބިޑް އިވެލުއޭޝަންގެ ކަންކަން ދިޔައީ އެންމެ އިންސާފުވެރިކޮށް ނޫންކަމަށާއި އަލުން ބިޑްތައް އިވެލުއޭޓް ކުރުމަށް ސަރުކާރަށް ގޮވައިލައިފަ އެވެ.
ދިވެހިން ވެސް ތިބީ އޮޅުމެއްގެ ތެރޭގަ އެވެ. ހުރިހާ ވާހަކަތަކެއް ވެސް ރައްޔިތުންގެ ކަންފަތާ ހިސާބަށް ފޯރަމުން ދިއައީ އަންޑަގްރައުންޑް ވެބްސައިޓް ތަކުންނެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓައިޒް ކުރުމަށް ހުޅުވާލި ފުރުސަތުގެ ތެރޭގައި ތިން ކުންފުންޏަކުން ބިޑް ހުށަހެޅި އެވެ. އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ސަރުކާރަށް ދޭން އެއްބަސްވީ މިހާރު ވެސް ދިއްލީ އެއާޕޯޓާއި ހައިދަރުއާބާދު އެއާޕޯޓާއި އަދި އިސްތަންބޫލުގެ އެއާޕޯޓު ހިންގަމުން އަންނަ ޖީއެމްއާރު ކުންފުނިންނެވެ. މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހަވާލުކުރަން ސަރުކާރުން ނިންމި ހިސާބުން ދެން ފެނިގެންދިޔައީ ތަފާތު މަންޒަރެކެވެ. ސަރުކާރުން ބުނާ ބޮޑު މަންޒަރެވެ. މޯލްޑިވްސް އެއާ ޕޯޓްސް ކޮންޕެނީގެ ބޯޑު ކުއްލި ގޮތަކަށް މުޅިން އަލަށް އެކުލަވާލުމެވެ. ފަރުދާގެ އަނދިރި ފަރާތުގައި ފޮރުވިފައި ވަނީ އެއާޕޯޓް ޕްރައިވެޓައިޒް ކުރުމާ ދެކޮޅަށް އަޑު އުފުލި މެންބަރުން އެއް ފަރާތްކޮށް ސަރުކާރުން ހިތަށް އެރި ގޮތަކަށް އެކަންކޮށް ނިންމާލުމެވެ.
ސަރުކާރުގެ ބިތުފަންގި ނެގުނު ހިސާބުން އިދިކޮޅު ފަރާތްތައް ވެސް އެއް ރޫހެއްގައި ނިކުތް މަންޒަރު ފެނިގެން ދިޔަ އެވެ. ސަރުކާރުގެ އަތުގައި "މަރު ތަޅެ"އް އެޅުވޭހެން ހީވުމުން، ސަރުކާރުގެ ސިޔާސީ އުކުޅުތައް ކުރިއަށް ނެރެ ޖީއެމްއާރުގެ މައްސަލަ އޮއްބާލުމަށް މަސައްކަތް ފެށިއެވެ. މުޅި ގައުމުގައި ސިޔާސީ މަންޒަރެއްގެ ފޮތިގަނޑު ދަމައިލި އެވެ. ކެބިނެޓް އެކީ އިސްތިއުފާ ދިނެވެ. އިދިކޮޅު ސިޔާސީ ފަރާތްތައް ހައްޔަރު ކުރި އެވެ.
ރައްޔިތުންގެ މަޖިލީހުން މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައިތާ 24 ގަޑިއިރު ވެސް ނުވަނީސް، ރައްޔިތުންގެ ވިންދަކަށް ފަރުވާލެއް ނުބަހައްޓާ ސަރުކާރުން ޖީއެމްއާރާ އެކު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމުގެ އެއްބަސް ވުމުގައި ސޮއި ކުރީ ޖޫން 28 ވަނަ ދުވަހު އެވެ.
އެގްރިމެންޓްގައި ހުރި މައިގަނޑު އެއްބަސްވުންތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެ މައުލޫމާތު އާންމުނަށް ތިލަކޮށްދިނީ އަންޑަގުރައުންޑް ވެބްސައިޓެއްގައި ޖީއެމްއާރާއި ސަރުކާރާ ދެމެދު ވި އެއްބަސްވުން ޝާއިއު ކުރުމުންނެވެ. އެހިސާބުން ސަރުކާރުގެ "ސޯޓު ބޭލިއްޖެ" އެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް 25 އަހަރަށް ޖީއެމްއާރަށް ކުއްޔަށްދިނުން އެކަންޏެއް ނޫނެވެ. ގައުމުގެ އިގްތިސޯދަށް ގެއްލުންވާފަދަ އެތައް ކަމެއް އެ އެގްރިމެންޓްގައިވެ އެވެ. އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން 25 ޑޮލަރުގެ މަގުން ފީއެއް ނެގުމުގެ އިހުތިޔާރު ޖީއެމްއާރަށްވަނީ ދީފަ އެވެ. އެއީ ނިސްބަތުން އާންމު ދިވެހި ރައްޔިތަކަށް ބޮޑު އަދަދެކެވެ. ދިވެހިންގެ ތެރެއިން ގިނަ މީހުން އިންޑިއާ ސްރީލަންކާއަށް ދަނީ ސަލާންޖަހައިގެން ހޯދާ ޑޮލަރު ކޮޅަކުން ބޭސް ފަރުވާއަށެވެ. އެކަމަކު މިހާރު ބޮލަކަށް އިތުރަށް ގާތްގަނޑަކަށް 325ރ. ހަރަދުކުރަން އެބަޖެހެ އެވެ. އެއީ އެއާޕޯޓް ޓެކްސްގެ ގޮތުގައި ބޮލަކަށް މިހާރު ނަގާ 18.5 ޑޮލަރު ނުނީ، 237.72 ރުފިޔާ އިތުރަށެވެ.
ދެންއޮތީ ޖީއެމްއާރަށް އެއާޕޯޓް ހިންގައިގެން ލިބޭ ފައިދާއިން ސަރުކާރަށް ލިބޭ ފައިދާ އާއި ގައުމުގެ އިގްތިސޯދަށް ލިބޭނެ ކުރިއެރުމެވެ. އިގްތިސާދީ ނަޒަރަކުން ވިސްނާނަމަ ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ޖީއެމްއާރުގެ އެއްބަސްވުމުގައި ވަނީ އެއާޕޯޓު ކުއްޔަށް ހިފާއިރު އަޕް ފްރޮންޓުކޮށް 87 މިލިއަން ޑޮލަރު (ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ) ސަރުކާރަށް ދިނުމަށެވެ. ފުރަތަމަ ހަތަރު އަހަރު، (2014 ވަނަ އަހަރުގެ ނިޔަލަށް) އެއާޕޯޓުން ލިބޭ ޖުމްލަ އާމްދަނީގެ އެއް ޕަސެންޓް އަދި 2015 ވަނަ އަހަރުން ފެށިގެން 2035 ވަނަ އަހަރާ ހަމައަށް އާމްދަނީގެ 10 ޕަސެންޓް ސަރުކާރަށް ދޭން އެ ކުންފުނިން އެއްބަސްވެފައިވެ އެވެ. މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގައިގެން މިހާރު އަހަރު ދުވަހުގެ ތެރޭގައި އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަދަދަށް ބަލާއިރު ޖީއެމްއާރަށް 21 މިލިން ޑޮލަރު (270 ވަރަކަށް މިލިއަން ރުފިޔާ) ފައިދާގެ ގޮތުގައި ލިބޭނެ އެވެ.
ޖީއެމްއާރަށް ލިބޭފައިދާގެ އެއްޕަސެންޓް ސަރުކާރަށް ދިނުމުން އޭގެ ސަބަބުން ގެއްލުން ވަމުން އަންނާނީ ރާއްޖޭގެ ނާޒުކު އިގްތިސޯދަށެވެ. ގައުމަށް ވަންނަ ފައިސާއަށް ވުރެ ގައުމުން ބޭރުވާ ފައިސާ އިތުރުވާނެ އެވެ. ފޮރިން އިންވެސްޓަރެއް ކަމުގައި ވާނަމަ އެ ފައިސާގެ ޕަސެންޓެއް އެކުންފުންޏެއްގެ އަމިއްލަ ގައުމު (ހޯމް ކަންޓްރީ) އަށް ގެންދާނެ އެވެ. ކުރިން އެއާޕޯޓުން ލިބެމުން އައި ހުރިހާ ފައިސާއެއް ގައުމު އިގްތިސޯދުގައި ރޯލުކުރި އުސޫލުން ރޯލް ކުރަމުން ނުދާނެ އެވެ. މާނައަކީ ރާއްޖެއަށް ލިބޭނެ ފައިދާ އަށްވުރެ ގެއްލުން ބޮޑުތަނުން އިތުރުވުމެވެ.
ވަޒީފާތަކުގެ ވާހަކަ ދައްކާއިރު ޖީއެމްއާރުން ދިވެހިންނަށް ކޮންމެ އަހަރަކު ކިޔެވުމާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭނެކަމަށް ބުނެ އެވެ. އުފެދޭނެ ސުވާލަކީ ދިވެހި ކިތައް މުވައްޒަފުން އެތަނުގައި މަސައްކަތް ކުރާނެތޯ އުފެދޭ ސުވާލެވެ. ފުރަތަމަ ޖެހޭނީ އެކަމަށް އިންތިޒާރެއް ކޮށްލާށެވެ. އެއީ ހިތި ނޫނީ ފޮނި އިންތިޒާރަކަށް ވެސް ވެގެން ހިނގައިދާނެ އެވެ.
ކުރިން އައިލެންޑް އޭވިއޭޝަން އިން ކުރިއަށްގެންދިޔަ ގުރައުންޑް ހޭންޑުލިންނާއި ކާގޯގެ ހިދުމަތްތައް މިހާރު ޖީއެމްއާރު ކުންފުންޏަށް ބަދަލުކޮށްފައިވުމުން އައިލޭންޑް އޭވިއޭޝަންފަދަ ކުދި ކުންފުނިތަކަށް އެކަމުގެ ގެއްލުން ފޯރާނެ އެވެ. އެތައް ގޮތަކުން އެފަދަ ވިޔަފާރިތަކަށް ގޮންޖެހުމާއި ކުރިމަތިލާން ޖެހޭނެ އެވެ.
"ގުރައުންޑް އެންޑް ކާގޯ ހިދުމަތްތައް ހުއްޓާލުމުން ކުންފުންޏަށް ވަރަށް ބޮޑު މާލީ "ޝޮކެއް" އަންނާނެ." އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓާ ބަންދު އިބްރާހިމް ސަލީމް ވިދާޅުވިއެވެ.
ހަމަ މި ބިރު މާލެ އާ ހުޅުލެއާއި ދެމެދު ފެރީތައް ދުއްވަމުން އަންނަ ފަރާތްތަކުގެ ހިތުގައި ވެސް އޮންނާނެ އެވެ. ޖީއެމްއާރުގެ އެންމެ އިޝާރާތަކުން ފެރީތައް "ފެތިގެން" ދާނެ އެވެ.
ޖީއެމްއާރާއި ސަރުކާރުގެ އެއްބަސްވުމުގެ ދަށުން ފުރަތަމަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ތެލުގެ ވިޔަފާރިން ލިބޭ އާމްދަނީގެ 15 ޕަސެންޓް ސަރުކާރަށް ދިނުމަށާއި 2015 ވަނަ އަހަރުން 2035 ވަނަ އަހަރުގެ ނިޔަލަށް ތެލުގެ ވިޔަފާރިން ލިބޭ އާމްދަނީގެ 27 ޕަސެންޓް ސަރުކާރަށް ދިނުން ވެސް ހިމެނެ އެވެ.
ހުޅުލޭގައި ދިވެހިނެ ހެދި އެއާޕޯޓް، މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ދިވެހިންގެ އަތްފޯރާ ފަށުގައި ކުރިޔަށް މިއޮތް ހަ މަސް ދުވަހުގެ ތެރޭގައި ޖީއެމްއާރުން ނަލަހެއްދުމަކީ ވެދާނެ ކަމެކެވެ. އެކަމަކު މިހާރު އެއީ "ޖީއެމްއާރު މާލޭ އިންޓަނެޝަނަލް އެއާޕޯޓެ"ވެ. އެ އެއާޕޯޓް ދިވެހިންގެ އަތްފޯރާ ފަށަށް އަތުވެދާނެތޯ އެއީ ސުވާލެކެވެ.
އެއާޕޯޓް، ކެޕިޓަލް އިންވެސްޓް މަންޓަށް ބޭނުންޖެހުން އެއީ އާ ކަމެއް ނޫނެވެ. ސަރުކާރުގެ މާލިއްޔަތުގައި ކެޕިޓަލް އިންވެސްޓްމަންޓް ކުރުމުގެ ގާބިލްކަމެއް ނެތެވެ. ބޭރުގެ އިންވެސްޓަރުންނަށް ހަރުދަނާ އުސޫލެއްގެ ދަށުން ގައުމު ދޮރާށިތައް ހުޅުވައިދިނުމަކީވެސް މައްސަލައެއް ނޫނެވެ. އޮތީ ހަމަ އެންމެ މައްސަލައެކެވެ. ޕްރައިވެޓައިޒް ކުރުމުގެ ސިޔާސަތު ހަމައެއްލަމައެއްނެތި މި ސަރުކާރުން ކުރިއަށް ގެންދާ މައްސަލައެވެ. ސަރުކާރުގެ ޕްރައިވެޓައިޒޭޝަންގެ އުސޫލު ދަނީ ހުންގާނު ނެތް ދޯންޏެއްގެ މިސާލުގައޭ ބުނުމަކީ އިކޮނިމިކް ވެލިއޫސް ތަކުން ބަލާއިރު ދޮގަކަށް ނުވާނެ އެވެ.
ޖީއެމްއާރާ މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ ވާހަކަ ދިވެހިންގެ ދުލުކުރިން ނުނެއްޓިގެން އުޅެނީ ޖީއެމްއާރަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ނުކުރެވޭނެ ތީއެއްނޫނެވެ. ޖީއެމްއާރާ ދިވެހި ސަރުކާރާ ވެވުނު ވިޔަފާރި އެއްބަސް ވުމުގެ ސަބަބުން ދިވެހިންނަށް ލިބިދާނެ ގެއްލުމަކަށްޓަކަ އެވެ. އަދި އެއްބަސްވުމުގެ އަޑި ތިލަވެގެން ނާންނާތީވެސް މެއެވެ. މިއަދު ދިވެހިން ފާރަވެރިވަނީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓާއި ދޭތެރޭގަ އެވެ. އެއާޕޯޓުގެ މުސްތަގުބަލާއި މެދު އެވެ. މިއަދު ދިވެހިން ބިރުން އުޅޭ "ހުޅުލޭ ބޮޑު މީހާ" އަކީ އިންޑިއާގެ ޖީއެމްއާރް ނޫން ދެން ކޮން ބައްހެއްޔެވެ؟