އެޕާޓްމަންޓެއް ކުއްޔަށް ހިފި އިރު، އެޑްވާންސް ފައިސާގެ ގޮތުގައި ދިން 2،500 އެމެރިކާ ޑޮލަރު އަނބުރާ ނުދިނުމުން އެޕާޓްމަންޓް ހަލާކުކޮށްލުމަށް ފަހު ވީޑިއޯ ޔޫޓިއުބަށް ލައިފި އެވެ.

"ކުއްޔަށް ހިފި މީހާގެ ބަދަލުހިފުން" މިނަމުގައި ޔޫޓިއުބަށް ލާފައިވާ މި ވީޑިއޯ ސޯޝަލް ނެޓްވޯކްތަކުގައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އިރު، މިހާތަނަށް 700،000 އަށް ވުރެ ގިނަ މީހުން ވަނީ މިވީޑިއޯ ބަލައިފަ އެވެ.

މިވީޑިއޯ އިން ފެންނަނީ ފަރަންސޭސިވިލާތަށް ނިސްބަތްވާ ފިރިހެނަކު އޭނާ ކުއްޔަށް ހިފާފައިވާ ކަމަށް ބުނާ އެޕާޓްމަންޓްގެ ފާހަނާ 14 ރާތަލުގެ މަރުތެޔޮއެއް ބޭނުންކޮށްގެން ހަލާކުކުރާ މަންޒަރެވެ.

ވީޑިއޯ ފެށުމުގެ ކުރިން، އެޕާޓްމަންޓް ހަލާކުކޮށްލަނީ ކީއްވެގެން ކަން އޭނާ ފަރަންސޭސި ބަހުން ކިޔައިދެ އެވެ.

އިނިގިރޭސިވިލާތުގެ ޑެއިލީ މެއިލްއިން ބުނީ ވީޑިއޯ ފެށޭ އިރު އޭނާ ބުނަނީ އެޑްވާންސް ނުވަތަ ސެކިޔުރިޓީ ޑިޕޮސިޓްގެ ގޮތުގައި ކުއްޔަށް ހިފުމުގެ ކުރިން ދެއްކި 2،500 އެމެރިކާ ޑޮލަރު ދިނުމަށް ގޭގެ ވެރި ފަރާތުން ދެކޮޅު ހަދާފައިވާ ކަމަށެވެ. އެހެންވެ ބަދަލުހިފުމުގެ ގޮތުން އެޕާޓްމަންޓް ހަލާކުކޮށްލަނީ ކަމަށް އޭނާ ބުނެ އެވެ.

ދެން ވީޑިއޯ އިން ފެނިގެންދަނީ ފާހަނާގައި ހުރި ލައިޓްތަކާއި ލޯގަނޑާއި ފާހަނާ ތައްޓާއި ދޮރު 14 ރާތަލުން ތަޅާ ހަލާކުކޮށްލާ މަންޒަރެވެ.

ޑެއިލީމެއިލް އިން ބުނީ އެ ހާދިސާ ހިނގާފައި ވަނީ ކޮންތަނެއްގައި ކަން ނޭނގޭ ނަމަވެސް، އެޕާޓްމަންޓް ހަލާކުކޮށްލި ވީޑިއޯ ބޭނުންކޮށްގެން ހަލާކުކޮށްލި މީހާއާ ދެކޮޅަށް ދައުވާކުރެވޭނެ ކަމަށެވެ. އަދި ބަދަލުގެ ގޮތުގައި 2،500 އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އެއްޗެއް ދެއްކުމަށް ކޯޓުން އަމުރުކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޑެއިލީމެއިލް އިން ބުނެ އެވެ.