ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ހަ މަސް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.

ހައިކޯޓުން މިއަދު އެގޮތަށް ހުކުމްކުރުމާ އެކު ޑީޕީއާރްއެސް އިން ވަނީ ހާމިދު ދޫކޮށްލާފަ އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ކުޑަކަމުދާ އެއްޗިހި ނުދިނުމުގެ ކުށުގެ ދައުވާގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވުމަށް ކްރިމިނަލް ކޯޓުން ފޮނުވި އަމުރާއެއް ގޮތަށް ކޯޓަށް ހާޒިރުވެވިފައި ނުވަނީ ހަނދުމަފުޅު ނެތިގެން ކަމަށާއި އެކަމަށް މައާފަށްއެދިވަޑައިގެން ހާމިދު ކޯޓަށް ސިޓީއެއް ފޮނުވި ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ލިޔުންތަކަށް ބަލާ އިރު ހާމިދު މައާފަށް އެދިވަޑައިގަތްގަތުން ކޯޓުން ގަބޫލުކޮށްފައިވާކަން އެނގޭ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާ ބާރުތަކުގެ ގާނޫނުގެ 11 ވަނަ މާއްދަގެ (ހ)ގައި މަޖިލީހުގެ ޖަލްސާތަކަށް ހުރަސްއެޅޭ ގޮތަށް މެމްބަރަކު ޝަރުއީ ކޯޓަކަށް ހާޒިރުކޮށްގެން ނުވާނެ ކަމަށް ބުނެފައި އޮތް އޮތުން ސުޕްރީމް ކޯޓުން ބާތިލު ކުރީ ހާމިދާ މެދު ފިޔަވަޅުއެޅި ފަހުން ކަމަށެވެ. އެހެންކަމުން އޭރު އެ މާއްދާ ބާތިލްނުކުރާތީ އެ މާއްދާގައި ބުނެފައިވާ ގޮތަށް އަމަލު ކުރެވެން ޖެހޭނެ ކަމަށް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ކްރިމިނަލް ކޯޓުން އަމަލުކުރި ގޮތަށް ބަލާ އިރު ހާމިދުގެ މައްޗަށް ފިޔަވަޅު އެޅޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅައި ހުކުމް ކޮށްފައި ވަނީ ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.