ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރަން ފެށި އެއިޑްސް ދުވަހުގެ ރިހި ޔޫބިލް މިއަދު ފާހަގަކުރަމުންދާއިރު، 2001 ވަނަ އަހަރުން ފެށިގެން އަލަށް އެއިޑްސް ޖެހޭ މީހުންގެ ނިސްބަތް ތިން ގުނަ ދަށަށް ގޮސްފައި ކަމަށް އދ. އިން ބުނެފި އެވެ.

އދ. އިން އެންމެ ފަހުން ނެރެފައިވާ އެއިޑްސް ރިޕޯޓުގައި ބުނެފައި ވަނީ 2012 ވަނަ އަހަރު އަލަށް އެއިޑްސް ބަލި ޖެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައި ވަނީ 2.3 މިލިއަން މީހުން ކަމަށެވެ. މިއަދަދަކީ 2001 ވަނަ އަހަރާ އަޅާ ބަލާއިރު، 33 ޕަސެންޓް ދަށް އަދަދެކެވެ.

ދެހާސް ބާރަ ވަނަ އަހަރު 260،000 ކުޑަކުދިން އަލަށް އެއިޑްސް ބަލީގެ ޝިކާރައަކަށް ވެފައިވާއިރު، މިއަދަކީ 2001 ވަނަ އަހަރާ އަޅާ ބަލާއިރު، 52 ޕަސެންޓް ދަށް އަދަދެކެވެ.

"ކޮންމެ އަހަރަކު އަލަށް އެއިޑްސް ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑުތަން ވަނީ ދަށަށް ގޮސްފައި. ހާއްސަކޮށް އަލަށް އެއިޑްސް ޖެހޭ ކުޑަކުދިންގެ އަދަދު ދެބައި ކުޅަ އެއް ބަޔަށް ވަނީ ދަށްކުރެވިފައި" އދ.ގެ އެއިޑްސްއާ ބެހޭ ޖަމިއްޔާ ޔޫއެންއެއިޑްސްގެ އެގްޒެކެޓިވް ޑިރެކްޓާ މިޝޭލް ސިޑިބޭ ވިދާޅުވި އެވެ.

އދ. އިން ބުނީ ކުޑަކުދިންނަށް އެއިޑްސް ޖެހޭ މިންވަރު ދަށްކުރެވިފައި ވަނީ މާބަނޑު އަންހެނުންގެ ގައިން ދަރިފުޅުގެ ގަޔަށް އެއިޑްސް ވާރުތަވުން ހުއްޓުވައިދޭ އެންޓައިރެޓްރޯވައިރަލް ބޭސްތައް އެއިޑްސް ޖެހިފައިވާ މާބަނޑު އަންހެނުންނާ ހިސާބަށް ފޯރަމުންދާތީވެ ކަމަށެވެ.

ޔޫއެންއެއިޑްސް އިން ބުނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އަލަށް އެއިޑްސް ބަލި ޖެހޭ ކުޑަކުދިންގެ ނިސްބަތް 90 ޕަސަންޓަށް ދަށް ކުރެވިދާނެ ކަމަށެވެ.

މިގޮތުން އެންޓައިރެޓްރޯވައިރަލް ބޭހުގެ ސަބަބުން 670،000 ކުޑަކުދިން އެއިޑްސް ޖެހޭ ވައިރަސް ކަމަށްވާ އެޗްއައިވީއިން ސަލާމަތްވެފައިވާ ކަމަށް ޔޫއެންއެއިޑްސް ގެ ރިޕޯޓުން ދައްކަ އެވެ. އެއީ 2009 ވަނަ އަހަރާއި 2012 ވަނަ އަހަރާއި ދެމެދު ސަލާމަތްކުރެވިފައިވާ ކުޑަކުދިންގެ އަދަދެވެ.

ދެހާސް ބާރަ ވަނަ އަހަރު އެއިޑްސް ބަލީގެ ސަބަބުން މަރުވެފައިވާ މީހުންގެ އަދަދު ވެސް ވަނީ ދަށަށް ގޮސްފަ އެވެ. 2005 ވަނަ އަހަރު އެއިޑްސް ބަލީގެ ސަބަބުން 2.3 މިލިއަން މީހުން މަރުވެފައިވާއިރު، 2012 ވަނަ އަހަރު މަރުވެފައިވާ 1.6 މިލިއަން މީހުން ނެވެ.

އެއިޑްސް ބަލި ޖެހިފައިވާ މީހުންނަށް ބޭސް ފޯރުކޮށްދިނުމަށް އދ. އިން ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ 2015 ވަނަ އަހަރުގެ ނިޔަލަށް އެއިޑްސް ޖެހިފައިވާ 15 މިލިއަން މީހުންނަށް ބޭސް ފޯރުކޮށްދޭން ފެށުމެވެ. 2012 ވަނަ އަހަރު 9.7 މިލިއަން މީހުންނަށް ބޭސް ފޯރުކޮށްދެވިފައިވާ ކަމަށް ޔޫއެންއެއިޑްސްއިން ބުނެ އެވެ.

މިދިޔަ އަހަރު ބައިނަލްއަގުވާމީ މުޖުތަމައު އިން ވަނީ އެއިޑްސް ބަލި ނައްތާލުމަށް ކުރަމުންދާ މަސައްކަތްތައް 18.9 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްފަ އެވެ. 2015 ވަނަ އަހަރުގެ ނިޔަލަށް މިއަދަދު 22 ނުވަތަ 24 ބިލިއަން އެމެރިކާ ޑޮލަރަށް ޖެއްސުމަށް ޔޫއެންއެއިޑްސްއިން ދަނީ މަސައްކަތްކުރަމުން ނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދުނިޔޭގައި އެއިޑްސް ޖެހިފައިވާ 35.3 މިލިއަން މީހުން އެބަ ތިއްބެވެ. މީގެ ތެރެއިން 70 ޕަސަންޓް މީހުންނަކީ އެފްރިކާގެ ބައްރަށް ނިސްބަތްވާ ގައުމުތަކުގައި ދިރިއުޅޭ މީހުން ނެވެ.

ރާއްޖޭގެ ނެޝަނަލް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 18 ދިވެއްސަކަށް އެއިޑްސް ޖެހިފައިވެ އެވެ. މީގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ ހަ މީހަކު ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. ދާދި ފަހުން ރާއްޖޭގައި ދެ އަހަރުގެ ކުޑަ ކުއްޖަކަށް އެއިޑްސް ބަލި ޖެހުނު މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.