އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕްގެ މެޗުތައް ކުޅޭ ގަލޮޅު ރަސްމީ ބޯޅަދަނޑާއި އައްޑޫ ޒޯން ސްޓޭޑިއަމް މަރާމާތު ކޮށްދޭނޭ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ދަނޑުތައް މަރާމާތު ކޮށްދޭނޭ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފައި މިވަނީ، ރާއްޖޭގައި ޗެލެންޖް ކަޕް ބޭއްވުމުގެ ތައްޔާރީތައް ކުރިއަށްދާގޮތުން އެކަމާ ހިތްހަމަ ނުޖެހިގެން އޭއެފްސީގެ ކޮމްޕެޓިޝަން ކޮމެޓީން އެ މުބާރާތް ފިލިޕީންސަށް ބަދަލުކުރަން ޖެހިދާނޭ ކަމުގެ އިޝާރާތެއް ކޮށްފައި ވަނިކޮށެވެ.

ފިނޭންސް މިނިސްޓްރީގެ "ބީލަން ހުށަހެޅުއްވުމުގެ ދައުވަތު"ގައި ބުނެފައިވާ ގޮތުން ގަލޮޅު ރަސްމީ ދަނޑާއި އައްޑު އަތޮޅު ހިތަދޫ ސްޓޭޑިއަމް މަރާމާތު ކުރުމަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި ކޮންމެ ޕްރޮޖެކްޓަކަށް 30،000ރ. ދައްކަންޖެހޭނެ އެވެ. އަދި ބިޑްހުޅުވާ ތާރީހުންފެށިގެން 118 ދުވަސް ބިޑްސެކިއުރިޓީގެ މުއްދަތުގެ ގޮތުގައި ހަމަޖައްސާފައިވާއިރު، ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓް ދައްކަން ޖެހޭނޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ފިނޭންސުން ބުނީ، ބީލަން ފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ ޑިސެމްބަރު މަހުގެ 1ން 5އަށް ކަމަށާއި ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30އިން މެންދުރު ފަހު 2:30އަށް އެ މިނިސްޓްރީގައި ކަމަށެވެ. އަދި މި ޕްރޮޖެކްޓްތަކުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ އަންނަ ބުދަ ދުވަހުގެ މެންދުރު ފަހު 1:00ގައި، އެ މިނިސްޓްރީގެ ޓެންޑާ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އޭއެފްސީ ޗެލެންޖްކަޕް އަންނަ އަހަރު ރާއްޖޭގައި ބޭއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސް އިލްހާމް އަހްމަދު ވިދާޅުވެފައިވާ އިރު ރާއްޖޭގެ އާ ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެފައިވަނީ، ރާއްޖޭގައި އެ މުބާރާތް ބޭއްވުމަށް ކުރަން ޖެހޭ ހުރިހާ ތައްޔާރީތަކެއް މުބާރާތުގެ ކުރިން ނިންމަވާނެ ކަމަށާއި އަދި އެ މަސައްކަތްތައް މިހާރުވެސް ފައްޓަވާފައިވާ ކަމަށެވެ.

ރާއްޖޭގައި އަންނަ އަހަރުގެ ޗެލެންޖް ކަޕް ބޭއްވިއްޖެ ނަމަ އޭގެ ފައިދާ ފުޓްބޯޅައިގެ އިތުރުން ރާއްޖޭގެ އިގްތިސާދަށް ވެސް ކުރާނެ އެވެ. އަދި މުބާރާތަށް ތައްޔާރު ނުވެވިގެން އެ މުބާއްރާތް ރާއްޖޭގައި ނުބޭއްވިއްޖެ ނަމަ އެއީ ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއަށާއި ސަރުކާރަށް ވެސް ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެން ދާނެ ކަމެކެވެ.

މި ހިނގާ ޑިސެމްބަރު މަހުގެ 15ގެ ކުރިން ރާއްޖޭގައި އެ މުބާރާތުގެ މެޗުތައް ކުޅޭ ދަނޑުތަކުގެ މަރާމާތުގެ މަސައްކަތް ނުފެށިއްޖެ ނަމަ ދެވަނަ ވިސްނުމަކަށް ދާންޖެހިދާނޭކަން އޭއެފްސީގެ މުބާރާތްތަކާ ބެހޭ ކޮމެޓީން އަންގާފައިވާއިރު އެފްއޭއެމްގެ ރައީސާއި ކުޅިވަރާބެހޭ ވަޒީރު ވެސް ވަނީ އެ މަސައްކަތް އޭއެފްސީން ކުރިން އަންގާފައިވާ ގޮތަށް ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތްކަމަށް ވިދާޅުވެފަ އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އަދި އޭއެފްސީގެ އެކްސްކޯ މެންބަރު އަލީ އާޒިމް "ސަން" އަށް ވިދާޅުވީ، ރާއްޖޭގައި އަންނަ އަހަރު ޗެލެންޖް ކަޕް ބޭއްވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރަށްވާނެ ކަމަށެވެ.