01 Dec 2013, 07:07
މާލޭގެ މަގެއްގެ މަތީގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި އެ މައްސަލައިގެ ތުހުމަތުގައި ބަޔަކު ހޯދަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ އެތަކެތި ފެނިފައި ވަނީ ބުރުޒުމަގު ހަދަމުންދާ ފުލެޓު ތަކުގެ ކުރިމައްޗަށްވާ ގޮތަށް ކުރިބެދިފައި އޮންނަ ސައިބޯނި ގޯޅީގެ ތެރެއިން ކަމަށެވެ.
ފުލުހުން ބުނީ އިއްޔެ ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ފެނިފައި ވަނީ މަގުގެ އެކި ހިސާބުތަކުން ކަމަށެވެ. އެގޮތުން އެގޯޅި ބަންދުކޮށް އެމަގުގެ އެކި ސަރަޙައްދުތައް ކޮނެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި އަޅާފައި ހުރި ބްލެޓް ސައިޒްގެ 30 ރަބަރު ޕެކެޓާއި 77 ކުދި ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި ފިލްމް ހުސްކުރި ދަޅަކާއި ދެ ސެލޯފެންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން އަދި ބުނީ މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ ގިނަ އަދަދެއްގެ ރަބަރު ޕެކެޓް ވެސް ފެނިފައިވާ ކަމަށެވެ.
ފުލުހުން އަތުލައިގަނެފައިވާ ތަކެތީގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެހީގެ ބަރުދަނުގައި 22:86 ގްރާމް ހުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓްތަކުގެ ބަރުދަނަކީ 54.62 ގްރާމެވެ.
އެ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.