01 Dec 2013, 06:49
ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި އިތުރު އޮފިސަރުންތަކެއް ސިފައިންގެ ވަޒީފާ އިން ވަކިކޮށްފައިވާ މައްސަލަ ބެލުމަށް މިނިވަން މުއައްސަސާތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ރައީސް ނަޝީދު މިކަމަށް އެދި ގޮވާލައްވާފައި މިވަނީ ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ކެޕްޓަން އަބްދުލް މުއިޒް މުސްތަފާ އާއި ސާޖަންޓް މޭޖާ ނައުޝާދު އަލީ ސިފައިންގެ ވަޒީފާ އިން ވަކިކުރުމާ ގުޅިގެންނެވެ.
ކުރީގެ ރައީސް ނަޝީދު ރަސްމީ ޓުވީޓާ އެކައުންޓްގައި ރޭ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ބްރިގޭޑިއާ ޖެނެރަލް ޝަމާލް އާއި އިތުރު އޮފިސަރުންތަކެއް ސިފައިންގެ ވަޒީފާ އިން ވަކިކުރުމުން ކުށްވެރިކުރައްވާ ކަމަށެވެ.
"ބްރެގޭޑިއާ ޖެނެރަލް ޝަމާލް އާއި އިތުރު އޮފިސަރުން ސިފައިންގެ ހިދުމަތުން ވަކި ކުރުން ކުށްވެރިކުރަން. މިނިވަން މުއައްސަސާތަކުން މިކަން ބެލުމަށް އެދެން،" ނަޝީދު ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.
Brig. General Shamaal aai ithuru officerun sifain ge khidhumathun vaki kurun kuhveri kuran. Minivan muvassasa thakun mikan bellevumah edhen.
— Mohamed Nasheed (@MohamedNasheed)November 30, 2013
ސިފައިންގެ ވަޒީފާ އިން ޝަމާލް ވަކިކޮށްފައި ވަނީ ސިފައިންގެ ތެރޭގައި ނުތަނަވަސްކަމާއި ފިތުނަ ފަސާދަ އުފެދޭ ގޮތަށް އެކި ރޭންކުތަކުގެ މީހުންނާއި ވާހަކަ ދައްކައި މަސްލަހަތު ނަގާލަން މަސައްކަތް ކޮށްފައި ވާތީ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އަދި މުއިއްޒާއި ނައުޝާދު ވަޒީފާ އިން ވަކިކޮށްފައި ވަނީ ޝަމާލަށް އެކަމުގައި އެއްބާރުލުން ދީގެނެވެ.
އެ ތިން ސިފައިންގެ އޮފިސަރުންގެ އިތުރުން މިހާތަނަށް ހަ މީހަކު ވަނީ ސިފައިންގެ ވަޒީފާ އިން ވަކިކޮށްފަ އެވެ. އެ މީހުންނަކީ ސިފައިންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް ކާނަލް އަހްމަދު ނިލާމާއި ފަސްޓް ލެފްޓިނެންޓް އަބްދުﷲ ޝަރީފާއި ސާޖެންޓް ފަސްޓް ކްލާސް އަލީ ވަހީދާއި ސްޓާފް ސާޖެންޓް އިބްރާހިމް އަލީ އާއި ސްޓާފް ސާޖެންޓް ހަސަން ހަމީދާއި ލާންސް ކޯޕްރަލް ސަހްރާބު ރާޝިދު އެވެ.