ކުޑަ ކުއްޖަކާ ޖިންސީ އަމަލެއް ހިންގި ކަމުގެ ކުށް ޝަރީއަތަށް ސާބިތުވުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ހޯރައިއްބެ ދައުވާ އަށް އިންކާރު ކުރި ނަމަވެސް އޭނާ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގާފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އޮލިމްޕަސް ކުރިމަތީ އޮންނަ ގޯޅި ތެރޭގައި ހުންނަ ގ. މާވަސްގޭގެ ކޮޓަރި އެއްގެ ތެރޭގައި އުމުރުން 17 އަހަރުގެ ކުޑަކުއްޖަކާ އެކު ބަރަހަނާކޮށް އޮއްވާ ފުލުހުން އޭނާ ހައްޔަރު ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދަނިކޮށް ހޯރަ އިއްބެ ވަނީ އެ އަންހެން ކުއްޖާއާ ކައިވެނިކޮށްފަ އެވެ.

އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުން އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ނ) ގެ ދަށުން ނެވެ.

އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) ގައި ބުނަނީ ޖިންސީ ނިޔަތެއް އޮވެގެން މީހަކު ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލައިފި ނަމަ އެކުރަނީ ކުށެއް ކަމަށެވެ. އަދި އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ނ) ގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.