01 Dec 2013, 05:41
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ ކުރީގެ ތިން މިނިސްޓަރަކު ކާމިޔާބު ކުރައްވައިފި އެވެ.
މާލޭ ސިޓީ ކައުންސިލަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓް ހޯއްދެވި ކުރީގެ ތިން މިނިސްޓަރުންނަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަމީނު ފައިސަލާއި ކުރީގެ ހޯމް މިނިސްޓަރު މުޙައްމަދު ޝިހާބާއި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދެވެ.
ޕްރައިމަރީ ކާމިޔާބުކުރެއްވި ތިން މިނިސްޓަރުންގެ ތެރެއިން އަމީނު ފައިސަލް ވާދަކުރައްވާނީ ހުޅު ހެންވޭރު ދާއިރާއަށެވެ. އަދި ޝިފާ މުހައްމަދު ވާދަކުރައްވާނީ ގަލޮޅު އުތުރު ދާއިރާއަށެވެ. މުހައްމަދު ޝިހާބު ވާދަކުރައްވާނީ މާފަންނު އުތުރު ދާއިރާ އަށެވެ.
މާލޭ ސިޓީކައުންސިލްގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން ޕްރައިމަރީގައި ވާދަކުރެއްވީ ދެބޭފުޅުންނެވެ. އެއީ ހަސަން އަފީފު (ޖަމްބު ހަސަން އަފީފު) އާއި މުހައްމަދު އަފުރާހެވެ. އެ ދެ ބޭފުޅުންނަށް ޕްރައިމަރީ ކާމިޔާބެއް ނުވި އެވެ.
ތިން މިނިސްޓަރުންގެ އިތުރުން މާލޭ ސިޓީ ކައުންސިލަށް ވާދަކުރުމަށް ޓިކެޓް ކާމިޔާބު ކުރެއްވި ބޭފުޅުންނަކީ މެދުހެންވޭރު ދާއިރާއަށް ހަސަން މަނިކު (ބައިކަނޑި) އާއި ގަލޮޅު ދެކުނުން ފާތުމަތު ރިޒުވީން މައްޗަންގޮޅި އުތުރުން މުހައްމަދު ރަޝީދާއި މައްޗަންގޮޅި ދެކުނުން މުހައްމަދު ފާރޫގާއި މާފަންނު ހުޅަނގުން ޝަމާއު ޝަރީފާއި މާފަންނު ދެކުނުން އަހުމަދު ރިޝްވާނާއި ވިލިމާފަންނު ހުސައިން ޝަރީފެވެ.