ރާއްޖޭގެ އިގްތިސާދަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހަލަބޮލި، ހަމަނުޖެހުން ބޮޑު ސިޔާސީ މަސްރަހު ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.


ވޯލްޑް ބޭންކުން މިދިޔަ ހަފްތާގައި ނެރުނު ރާއްޖޭގެ "އެކޮނަމިކް އަޕްޑޭޓް ރިޕޯޓު"ގައިވާ ގޮތުން ރާއްޖެ އަށް 2009 ވަނަ އަހަރު ކުރިމަތިވި މާލީ މައްސަލަތަކުން އަރައިގަނެވެން ފަށާފައި ވަނީ މި އަހަރު ރާއްޖެ އަށް ޒިޔާރަތް ކުރާ ޓޫރިސްޓުން އިތުރުވެފައި ވާތީ އާއި ސަރުކާރުގެ ދަރަނި ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ޕޮލިސީތަކުގެ ސަބަބުން ކަމަށެވެ. ރާއްޖޭގެ އިގްތިސާދުގެ ދުވެލި މި އަހަރު ހަތަރު ޕަސެންޓު ކުރިއަރާފައި ވާކަމަށް އެ ރިޕޯޓުގައިވެ އެވެ.


ސަރުކާރު މުވައްޒަފުންގެ މުސާރަތައް ދަށްކޮށްފައިވާތީ ވޯލްޑް ބޭންކުން ވަނީ މަރުހަބާ ކިޔައިފަ އެވެ. ލާމަރުކަޒީ އުސޫލުން ސަރުކާރު ހިންގަން ފެށުމުން ދައުލަތުގެ ދަރަނި ބޮޑުވެ، ދައުލަތުގެ ރިޒާވް ދަށަށް ދާނެތީ އެކަމާ ވޯލްޑް ބޭންކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.


ޓޫރިޒަމް ފިޔަވައި ރާއްޖޭގެ ޖީޑީޕީގެ އެންމެ މުހިންމު އެއް ސިނާއަތް ކަމަށްވާ މަސްވެރިކަން ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި ފަސް ޕަސެންޓަށް ދަށަށް ގޮސްފައިވާތީ އެކަމުގެ ސަބަބުން ޖީޑިޕީއަށް [ގައުމުގެ އުފެއްދުންތެރި ކަމުގެ މިންގަނޑަށް] ނޭދެވޭ އަސަރު ކުރާނެކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.


ވޭތުވެ ދިޔަ ހަތަރު މަހުގެ ތެރޭގައި ފޮރިން ރިޒާވް ދަށަށް ގޮސްފައި ވަނީ ހައްޖު މޫސުން އައުމުންނާއި ސުކޫލު ބަންދު ދުވަސްތައް އައުމުން ކަމަށާއި އެކަމުން ރުފިޔާގެ އަގު ވެއްޓިފައި ވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް ޔޫރޯގެ އަގަށް 13 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އެކޮނޮމިކް އަޕް ޑޭޓް ރިޕޯޓުން ހާމަވެ އެވެ.


އެ ރިޕޯޓުގައި ބުނާ ގޮތުން ދުނިޔޭގެ މާކެޓުގައި ތަކެތީގެ އަގުތައް އުފުލިގެން ދިޔުމުން ރާއްޖޭގެ އިންފުލޭޝަން ރޭޓާއި ކަރަންޓް ޑެފިސިޓް އިތުރުވެގެން ދާނެކަން ފާހަގަކުރަމުން އެކަމުން ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ރިޒާވަށް ނޭދެވޭ އަސަރުތަކެއް ކުރާނެތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.


ވޯލްޑް ބޭންކުން ރާއްޖޭގައި ހިންގާ ބައެއް ޕުރޮޖެކްޓްތަކުގެ ތެރޭގައި މޯބައިލް ފޯން ބޭންކިން ކީސާގެ ޕުރޮޖެކްޓާއި ޕެންޝަން ފަންޑަށް ވެދޭ ބައެއް އެހީތަކާއި ތިމާވެށި ހިމާޔަތް ކުރުމުގެ މަޝްރޫއުތަކަށް ދޭ އެހީތައް އަދި އިގްތިސޯދު ހަރުދަނާ ކުރުމަށް ދޭ އެހީތައް އެ ރިޕޯތުގައި ފާހަގަ ކޮށްފައިވެ އެވެ.


ވޯލްޑް ބޭންކުގެ އެކޮނޮމިކް އަޕްޑޭޓް ރިޕޯޓަކީ ގައުމުތަކުގެ އިގްތިސާދުގެ މައްޗަށް އަލިއަޅުވާލައި ތައްޔާރު ކުރާ ރިޕޯޓެކެވެ. އެ ރިޕޯޓުގައި ގައުމުގެ އުފެއްދުންތެރިކަމުގެ މިންގަނޑާއި އިގްތިސާދީ ދުވެއްޔަށް އައިސްފައިވާ ކުރިއެރުމުގެ މައްޗައް ބަލައި ގައުމުތަކުގެ އިގްތިސޯދު ވަޒަންކުރުމުގައި އެ ރިޕޯޓް ބޭނުންކުރެ އެވެ.