01 Dec 2013, 05:34
ރެއާލް މެޑްރިޑްގެ ޖާޒާގައި ގެރެތު ބޭލް ހެދި ފުރަތަމަ ހެޓްރިކާއެކު ރެއާލް ވަލަޑޮލިޑް އަތުން 4-0 އިން ފަސޭހަކަމާއެކު މޮޅުވެ ރެއާލް މެޑްރިޑް ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ތިން ޕޮއިންޓް ގާތަށް ޖެހިލައިފި އެވެ.
އަމިއްލަ ދަނޑުގައި ވަލަޑޮލިޑްގެ މައްޗަށް ހޯދި ކާމިޔާބާއެކު ލީގު ތާވަލުގެ ތިން ވަނައިގައި ރެއާލް އޮތީ 37 ޕޮއިންޓާއެކު އެވެ. ތާވަލްގެ އެއްވަނައިގައި އޮތް ބާސާއަށް 40 ޕޮއިންޓް ލިބިފައިވާ އިރު ބާސާއަށް ވުރެ އެއްމެޗު އިތުރަށް ކުޅެގެން ތާވަލްގެ ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ވެސް ވަނީ 40 ޕޮއިންޓް ހަމަކޮށްފަ އެވެ. ބާސާއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުން ނެވެ.
އަނިޔާގެ ސަބަބުން ރެއާލްގެ ޕޯޗުގީޒު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ބައިވެރި ނުވެވުނު މެޗުގައި އެޓީމުގެ އެޓޭކިން ޑިޕާޓްމަންޓުގެ ހެޑަކަށް ލާފައި ހުރީ ބޭލް އެވެ. އަދި ރޮނާލްޑޯ ނެތްތަން ބޭލްއަށް ފޫ ބެއްދިދާނެތޯ މެޗުގެ ކުރިން މީޑިއާގައި ސުވާލު އުފައްދާފައިވެ އެވެ.
އުމުރުން 24 އަހަރުގެ ފޯވާޑް ރޭގެ މެޗުގައި ރެއާލްގެ ފުރަތަމަ ލަނޑު ޖަހައިދިނީ 33 ވަނަ މިނިޓްގަ އެވެ. އަދި އޭގެ ދެމިނިޓް ފަހުން އެޓީމުގެ ދެވަނަ ލަނޑު ކަރީމް ބެންޒެމާ ކާމިޔާބުކޮށްދިން އިރު ބެންޒެމާއަށް އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ބޭލް އެވެ.
ދެވަނަ ހާފްގެ ކުޅުން ފެށިގެން 64 ވަނަ މިނިޓްގައި ރެއާލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނުމަށްފަހު މިއަހަރުގެ ސެޕްޓެމްބަރުގައި ޓޮޓެންހަމްއިން 80 މިލިޔަން ޕައުންޑަށް ރެއާލްއާ ގުޅުނު ފޯވަޑް އެ ޓީމުގެ ޖާޒީގައި ހެދި ފުރަތަމަ ހެޓްރިކް ގާއިމް ކުރީ 89 ވަނަ މިނިޓްގަ އެވެ.
މި ސީޒަންގައި ރެއާލްއާ ގުޅުނު ފަހުން ބޭލް ވަނީ އެޓީމަށް ޖުމުލަ ހަތް ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ރެއާލްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނީ، ބޭލް މިހާރު އެޓީމަށް ރަނގަޅަށް ހޭނިއްޖެ ކަމަށާއި ރޭގެ މެޗުގައި އެޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިފައިވާ ކަމަށެވެ.
"ގެރެތު ބޭލް މިހާރު ރަނގަޅަށް ޓީމަށް ހޭނިއްޖެ. އޭނާއާށް މިހާރު ވަނީ ވަރަށް ބޮޑަށް އިތުބާރު ލިބިފައި، އަދި އެއީ އަހަރެމެންނަށް ވަރަށް މުހިއްމު ކުޅުންތެރިއެއް،" އެންޗެލޮޓީ ބުންޏެވެ. "އަހަންނަކަށް ބުނާކަށް ނޭނގެ މިއީ އަހަރެމެން މިސީޒަންގައި އެންމެ ރަނގަޅަށް ކުޅުނު މެޗްކަމެއް. އެކަމަކު ހުރިހާ މެޗެއްގައިވެސް މިގޮތަށް ކުޅެން އެބަޖެހޭ."
ރެއާލްއަތުން ރޭ ބަލިވި ވަލަޑޮލިޑް އޮތީ 15 މެޗު ކުޅެގެން އެންމެ 12 ޕޮއިންޓާއެކު ތާވަލުގެ 17 ވަނައިގަ އެވެ.
ސްޕެއިން ލީގުގައި ރޭ ކުޅުނު އެހެން މެޗު ތަކަށް ބަލާއިރު ތާވަލްގެ ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް އެލްޗޭއާ ވާދަކޮށް މެޗު ކާމިޔާބުކުރީ 2-0 އިންނެވެ. އަލްމެރިއާ އަތުން 3-1 އިން ސެލްޓާވީގޯ މޮޅުވިއިރު ރެއާލް ސޮސިއެޑާޑް ވަނީ 2-1 އިން އެސްޕަންޔޯލް ބަލިކޮށްފަ އެވެ.