01 Dec 2013, 05:23
ބެންކޮކް (ޑިސެމްބަރު 1): ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ކޮންޓްރޯލްގެ ދަށަށް ގެނަސް މިއަދުން ފެށިގެން ތައި ސަރުކާރަށް އެއްވެސް މަސައްކަތެއް ނުކުރެވޭ މިންވަރަށް ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތައް ހިސާރުކޮށް އެތަންތަނުގެ ކޮންޓްރޯލް އަތުލާނެ ކަމުގެ އިންޒާރު، މަގުމަތިން ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ތައިލެންޑްގެ އިދިކޮޅު ފަރާތްތަކުން ދީފި އެވެ.
މުޒާހަރާކުރާ އެތައް ހާސްބަޔަކު އިއްޔެ ވަނީ ބޮޑުވަޒީރާ ޔިންގްލަކް ޝިނަވަޓްރާގެ އޮފީހަށް ވެސް ގަދަބާރުން ވަދެގަތުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް ފުލުހުން ބާރުގެ ބޭނުންކޮށްގެން އެކަންވަނީ ހުއްޓުވާފަ އެވެ. އޭގެ ކުރިން އެމީހުން ވަނީ މާލީ ވުޒާރާއަށާއި ދާޚިލީ ވުޒާރާއާއި އެނޫން ވެސް އެތައް ވުޒާރާތަކަކަށް ގަދަބާރުން ވަދެގަނެ އެތަންތަނަށް ގެއްލުންތައްވެސް ދީފަ އެވެ.
ތައިލެންޑްގެ ސަރުކާރު މަގުމަތިން ވައްޓާލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރަމުންގެންދާ މުޒާހަރާތައް މައިތިރި ކުރުމުގައި އެހީތެރިވެދިނުމަށް ތައި ފުލުހުން އެގައުމުގެ ސިފައިންގެ ލަޝްކަރުތަކުގެ ކިބައިން އެދުމުން ސިފައިން ވަނީ ތިން ހާސް ސިފައިން ފުލުހުންނަށް އެހީތެރިވުމުގައި ހަރަކާތްތެރިވާނެކަން ހާމަކޮށްފަ އެވެ.
ތައިލެންޑްގެ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ކުރަމުންގެންދާ މުޒާހަރާތަކާ ގުޅިގެން އެގައުމުގެ ޙާލަތު ނާޒުކުފައްތަރަކަށް ވެއްޓިފައިވާ އިރު އިދިކޮޅު ލީޑަރުން ވަނީ ބޮޑުވަޒީރާޔިންގްލަކް ޝިނަވަޓްރާ ސަރުކާރާ މެދު ސިފައިން ދެކޭގޮތް ހާމަކުރުމަށް ސިފައިންނަށް ގޮވާލާފަ އެވެ. މަގުމަތިން ސަރުކާރު ވައްޓާލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރަމުންގެންދާ މުޒާހަރާތަކާއެކު ވެސް ބޮޑުވަޒީރާ ޔިންގްލަކް ޝިނަވަޓްރާވަނީ އަވަސް އިންތިޚާބެއް ނުބާއްވާނެކަމަށް ވިދާޅުވެފަ އެވެ. ޔިންގްލަކް ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުން ބާރުގެ ބޭނުންކޮށްގެންނާއި ހަރުކަށިކަންދައްކައިގެން އަވަސް އިންތިޚާބަކަށް ދިޔުމަށް ސަރުކާރަށް މަޖްބޫރުނުކުރެވޭނެ ކަމުގަ އެވެ.
ބޮޑުވަޒީރާ ޔިންގްލަކް ޝިނަވަޓްރާގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅުފަރާތްތަކަށް ތައިލެންޑްގެ ޝާހީ އާއިލާ އާއި ނުފޫޒު ގަދަބައެއް ފަރާތްތަކުގެ އިތުރުން ސިފައިންގެ ބައެއް އޮފްސަރުންގެ ނުސީދާ ތާއީދުއޮތްކަމަށް ބައެއް ރިޕޯޓްތައް ބުނި ނަމަވެސް ސަރުކާރުން ވަނީ އަސްކަރީ އިންގިލާބެއްގެ ނުރައްކާ އަދި ފެންނަންނެތް ކަމަށް ބުނެފަ އެވެ. ތައި ފުލުހުންގެ ތާއީދު އޮތީ ސަރުކާރަށް ކަމަށް ޚަބަރުތައް ބުނެ އެވެ. ތައި ސިފައިންވަނީ އެގައުމުގައި މިހާރު ވެރިކަންކުރާ "ފެއު ތައި" ޕާޓީގެ ވެރިކަން މީގެ އަށެއްކަ އަހަރުކުރިން ވައްޓާލާފަ އެވެ. އެފަހަރު ވެސް ފުލުހުންތިބީ އޭރުގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާ އަށް އިޚްލާސްތެރިކަން މަތީގަ އެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ތައިލެންޑްގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ފެށުނީ ކޮރަޕްޝަނުގެ ޢަމަލުތައް ސާބިތުވެ ކޯޓުން ޙުކުމްކޮށްފައިވާ ސިޔާސީފަރާތްތަކަށް މައާފް ދިނުމުގެ ގާނޫނެއް ޕާލަމެންޓުން ފާސްކުރަން މަސައްކަތް ކުރާތީ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. މިފަދަގާނޫނެއް ފާސްކުރުމުގެ ބޭނުމަކީ ބޮޑުވަޒީރާ ޔިންގްލަކް ޝިނަވަޓްރާގެ ބޭބެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާއަށް މަޢާފްދެވޭނެ ގޮތެއް ހެދުން ކަމަށް ވެސް އެފަރާތްތަކުން ތުހުމަތުކުރެ އެވެ.
ތައިލެންޑްގެ މިހާރުގެ ހާލަތަށް ބަލާ އިރު އަސްކަރީ އިންގިލާބެއްގައި އެގައުމުގެ ސަރުކާރު ވައްޓާލުމުގެ ބިރު އެބައޮތްކަން އެގައުމުގެ ބައެއް މުހައްލިލުންވަނީ ފާހަގަކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)