ލަންޑަން (ޑިސެމްބަރު 1): ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން ގެދޮރުގެއްލި ބިކަ ޙާލު ޖެހިފައިވާ ކުޑަކުދިން ގަދަ ފިންޏާއި ބަލިމަޑުކަމާއި ހައިހޫނުކަމާއި ޔަތީމްކަން ތަހައްމަލް ކުރަމުން ގެންދާ ކަމަށް ކަމާބެހޭ ރިޕޯޓެއް ބުނެފި އެވެ.

ލަންޑަންގައި ނުކުންނަ "ދަ ގާޑިޔަން" ނޫހުގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން ސޫރިޔާގެ ރެފިއުޖީންގެ ތެރޭގައި ހިމެނޭ ހައިހޫނުކަން ތަޙައްމަލްކުރާ ކުޑަކުދިންގެ ފުރާނަ ސަލާމަތް ކުރުމަށް ޓަކައި ގަސްގަހުގެ ފަތާއި ބުޅަލާއި ކުއްތާ ފަދަ ޖަނަވާރުތަކުގެ މަސްވެސް އެކުދިން ވަނީ ކާން ފަށާފަ އެވެ. ހާލުގައި ޖެހިފައިވާ ގިނަ ކުޑަކުދިންގެ މައިން ބަފައިން ވެސް މަރުވެ ނޫނީ ގެއްލިފައިވާ ކަމަށާ އަދި ބޯނެ ސާފު ފެންފޮދެއް ފެންފޮދެއް ނުލިބޭތީ މަގުތަކުގައި ހެދިފައިވާ ހަޑި ފެންވެސް ސޫރިޔާގެ ކުޑަކުދިން ބޮމުން ގެންދާކަމަށް މިޙާލަތު ފެނިފައިވާ ފަރާތްތަކާ ޙަވާލާދީ އެރިޕޯޓް ބުނެ އެވެ.

އިންސާނީ އެހީ ފޯރުކޮށް ދިނުމަށް މަސައްކަތްކުރާ ފަރާތްތަކާ ހަވާލާދީ އެ ރިޕޯޓް ބުނާގޮތުން ދާޚިލީ ހަނގުރާމައިގެ ސަބަބުން ގެދޮރުގެއްލި މަގުމަތިވެފައިވާ ސޫރިޔާގެ ކުޑަކުދިންނަށް ކާބޯތަކެއްޗާއި ބޯފެނާއި ބޭސް ފަދަ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އދ. އާއި ދުނިޔޭގެ ގައުމުތައްވަނީ ފޭލްވެފަ އެވެ. ސޫރިޔާ އަށް މިހާރު ފިނިމޫސުން އައިސްފައިވާ އިރު އެގައުމުގެ އެތެރޭގައި މަގުމަތިވެފައިވާ ލައްކައަކަށް ވުރެ ގިނަ ކުޑަކުދިން ވަނީ ފިނިން ސަލާމަތްވާނެ ގޮތެއް ނެތި ހައިހޫނުކަމާއި ބަލިމަޑުކަމުގެ ޝިކާރައަކަށްވެފައި ކަމަށް ވެސް "ދަ ގާޑިޔަން" ނޫހުގައި ޝާއިޢުކޮށްފައިވާ އެ ރިޕޯޓް ބުނެ އެވެ.

ދާޚިލީ ހަނގުރާމައިގެ ސަބަބުން ސޫރިޔާގެ އެތެރޭގައި ހަތަރު މިލިޔަނެއްހާ މީހުން ހާލުގައި ޖެހިފައިވާއިރު އަވަށްޓެރި ގައުމުތަކުގައި ދެމިލިޔަނަށް ވުރެ ގިނަ ސޫރިޔާގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ވަރަށް ނިކަމެތި ޙާލުގައި އުޅެމުންދާ ކަމަށް އދ. ން ބުނެ އެވެ. (ނޫސްއެޖެންސީތައް)