01 Dec 2013, 04:57
އާރޮން ރަމްސީ ޖަހައިދިން ދެ ލަނޑާއެކު ކާޑިފް ސިޓީ އަތުން ފަސޭހަ ކަމާއެކު 3-0 އިން މޮޅުވެ އާސެނަލް އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގައި ހަތް ޕޮއިންޓަށް ލީޑު ފުޅާކޮށްފި އެވެ.
ޕްރިމިއާ ލީގުގެ އެއްވަނައިގައި 31 ޕޮއިންޓާއެކު އާސެނަލް އޮތް އިރު ތާވަލްގެ ދެވަނަ އަދި ތިން ވަނައިގައި އޮތް ލިވަޕޫލް އާއި ޗެލްސީއަށް ލިބިފައިވަނީ 24 ޕޮއިންޓެވެ.
ކާޑިފްގެ ދަނޑުގައި ކުޅުނު މެޗުގައި އާސެނަލްގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަމްސީ އެވެ. 29 ވަނަ މިނިޓްގައި މެސުޓް އޮޒިލް ކާޑިފްގެ ގޯލް ކުރިމައްޗަށް ނަގައިދިން ހުރަސް އެޓީމުގެ ގޯލްތެރެއަށް ރަމްސީ ފޮނުވާލީ ބޮލުން ޖަހައެވެ. އާސެންލަގެ ދެވަނަ ލަނޑު 86 ވަނަ މިނިޓްގައި އޮޒިލް ތަނަވަސް ކޮށްދިން ފުރުސަތަކުން އެޓީމަށް ކާމިޔާބުކޮށްދިނީ މެތީއު ފްލެމިނީ އެވެ. އަދި އެޓީމުގެ ތިން ވަނަ ލަނޑު ރަމްސީ ޖަހައިދިނީ ފަހު ހާފުގެ އިތުރު ވަގުތުގަ އެވެ.
އުމުރުން 17 އަހަރުގައި 2008 ވަނަ އަހަރު ކާޑިފް ސިޓީން އާސެނަލްއާށް ބަދަލުވި ރަމްސީ އޭނާގެ ކުރީގެ ޓީމުގެ ގޯލަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަން ދެކޮޅު ހެދި ނަމަވެސް އޭނާ ލަނޑު ޖެހުމުން ދެޓީމުގެ ސަޕޯޓަރުން ވަނީ، އޭނާއަށް ވަރަށް ބޮޑަށް ތަރުހީބު ދީފަ އެވެ.
މި މޮޅާއެކު އާސެނަލް މިހާރު ވަނީ، ފުރަތަމަ ޑިވިޝަންގެ އެންމެ ރަނގަޅު އަވޭ ރެކޯޑާ އެކު، އެޓީމު ލީގުގައި އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން 10 މެޗުން މޮޅުވެފަ އެވެ.
އާސެނަލް އަތުން ބަލިވި ކާޑީފްއަށް 13 މެޗުން 13 ޕޮއިންޓް ހަމަކުރެވިފައިވާއިރު އެޓީމް އޮތީ ރެލިގޭޝަން ޒޯނާ އެންމެ ފިޔަވަޅެއް ދުރުގަ އެވެ.
ކާޑީފްގެ ކޯޗު މޯކީ މެކެއި ބުނީ، މެޗުން ބަލިވި ނަމަވެސް އޭނާގެ ކުޅުންތެރިން ކުރި ހިތްވަރަށާއި ދެއްކި ރަނގަޅު ކުޅުމަށް ތައުރީފް ކުރާ ކަމަށެވެ. އަދި މެކެއި ވަނީ، ރަމްސީގެ ކުޅުމަށް ވެސް ތައުރީފް ކޮށްފަ އެވެ.