30 Nov 2013, 18:34
ތަފާތު ކުޅިވަރުތަކަކާ އެކު ރާއްޖޭގެ ފުރަތަމަ އެމިއުޒްމެންޓް ޕާކް، ވިލިމާލެ އާއި ތިލަފުއްޓާ ދެމެދުން ހިއްކި ގުޅީފަޅު ހިއްކައިގެން އުފެއްދި، "ގްލޯބަލް ގްރީން ސިޓީ"ގައި ހުޅުވައިފި އެވެ.
މިއަދު ހަވީރު "ގްލޯބަލް އެމިއުޒްމެންޓް ޕާކް" ހުޅުވުމަށް ފަހު، ގުޅީ ފަޅު ހިންގަމުންދާ ކުންފުނި، ގްލޯބަލް ޕްރޮޖެކްޓްގެ މެނޭޖިން ޑިރެކްޓާ ރާޖް މަނިޔަންދަން ވިދާޅުވީ އެ ޕާކަކީ ގްލޯބަލް ކްލަބްގެ މެމްބަރުންނާއި އެ މެމްބަރުންގެ އާއިލާތަކަށް އަމާޒުކޮށް ހުޅުވި ޕާކެއް ކަމަށާއި ނަމަވެސް އެ ޕާކުގެ ބޭނުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ހިފޭނެ ކަމަށެވެ.
ގްލޯބަލް ގްރީން ޕްރޮޖެކްޓްއިން ބުނީ ކޮންމެ ހަފްތާއެއްގެ ވެސް ހުކުރު އަދި ހޮނިހިރު ދުވަހު ހަވީރު 4:00 އިން އިރުއޮއްސި 7:00 އަށް ޕާކު ހުޅުވިފައި ހުންނާނެ ކަމަށާއި ޕާކަށް ވަނުމުގެ ފީއެއްގެ ގޮތުގައި 20ރ. ނަގާ އިރު ރައިޑްތަކުގެ އަގުތައް އުޅެނީ 10ރ. އާއި 50ރ. ދެމެދުގެ އަގުތަކުގައި ކަމަށެވެ. އަދި ގުޅީފަޅަށް ދިއުމަށް ޓަކައި ހިލޭ އެމްޓީޓީސީ ފެރީގެ ހިދުމަތް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ރާޖް މަނިޔަންދަން އިތުރަށް ވިދާޅުވީ ކުރިއަށް އޮތްތާގައި އެ ޕާކު ތަރައްގީ ކުރާނެ ކަމަށާއި އެގޮތުން ކުރިއަށް އޮތް ދެތިން މަސްތެރޭގައި ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ރައިޑްތަކެއް ގެނެވޭނެ ކަމަށެވެ. އޭގެ އިތުރުން އެ ފަޅުގައި ރާއްޖޭގައި ފުރަތަމަ ގާއިމުކުރާ ވޯޓާ ޕާކު ވެސް މިއަންނަ އަހަރު ހުޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައި މިލިއަން ޑޮލަރު ހަރަދުކޮށްގެން ހުޅުވި އެ ޕާކުގައި ރައިޑްތަކުގެ އިތުރުން އެކި ވިޔަފާރި ވެރިންނަށް ކުއްޔަށް ދީގެން ހިންގާ ބައެއް ކާނާ ސްޓޯލްތަކެއް ވެސް ހަދާފައި ހުރެ އެވެ. އެގޮތުން ވަގުތުން ތައްޔާރުކޮށްފައިދޭ ލުއިކާނާއިން ފެށިގެން އެކި ކަހަލަ ބުއިންތައް ވެސް އެ ސްޓޯލްތަކުން ލިބެން ހުރެ އެވެ.