30 Nov 2013, 18:24
އައްޑޫ ސިޓީ ކައުންސިލްގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން އިންތިޚާބުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީ އައްޑޫ ސިޓީގެ ރައީސް އަހްމަދު އަދުހަމް ވިދާޅުވީ މިއަދު ބޭއްވި ޕްރައިމަރީގައި ހިތަދޫ އުތުރު ދާއިރާ އަށް ކުރިމަތިލައްވާފައި ވަނީ މިހާރުގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެކަނި ކަމަށެވެ. އެހެންކަމުން އޭނާ އަށް އޮޓަމެޓިކުން ޓިކެޓު ލިބިވަޑައިގެންފައިވާ ކަމަށް އަދުހަމް ވިދާޅުވި އެވެ.
އަދުހަމް ވިދާޅުވި ގޮތުގައި ފޭދޫ ދާއިރާގެ ޓިކެޓު ލިބިފައި ވަނީ އަބްދުﷲ އަޝްވާނަށެވެ. އެ ދާއިރާގެ ކައުންސިލަރެއްގެ ގޮތުގައި މިހާރު ހުންނެވި އަހްމަދު މިރުޒާދު ޕްރައިމަރީގައި ވާދަކުރައްވާފައެއް ނުވެ އެވެ.
މަރަދޫ ދާއިރާގެ ޓިކެޓް ކާމިޔާބުކުރެއްވީ އަބްދުﷲ ތައްޔިބު އެވެ. އޭނާ އަކީ މިހާރު ވެސް އެ ދާއިރާގެ ކައުންސިލަރެވެ.
ހުޅުމީދޫ ދާއިރާގެ ޓިކެޓު ކާމިޔާބުކޮށްފައި ވަނީ އަލީ މުހައްމަދު އެވެ. އެ ދާއިރާގެ ކައުންސިލަރުގެ ގޮތުގައި މިހާރު ހުންނެވި ހަސަން ޝާހިދު ކުރިމަތިލައްވާފައެއް ނުވެ އެވެ.
ހިތަދޫ މެދު ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވީ މިހާރު ވެސް އެ ދާއިރާގެ ކައުންސިލަރުގެ ގޮތުގައި ހުންނެވި ހުސައިން ހިލްމީ އެވެ.
ހިތަދޫ ދެކުނު ދާއިރާގެ ޓިކެޓު ކާމިޔާބުކޮށްފައި ވަނީ މުހައްމަދު ޔަޝިފް އެވެ. އެ ދާއިރާގެ ކައުންސިލަރެއްގެ ގޮތުގައި މިހާރު ހުންނެވި ހުސައިން ފަހުމީ ވަނީ ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހި ވަޑައިގެންފަ އެވެ.