30 Nov 2013, 15:25
ސިފައިންގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ޚިލާފުވާ މީހުންނާ މެދު ފިޔަވަޅު އެޅުމުން އެފަދަ ފިޔަވަޅުތައް ނޭޅޭނެ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ބުނަމުންގެންދާތީ އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ފޮނުވާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސިފައިންގެ ގާނޫނާއި އެގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ޚިލާފުވާ ފަރާތްތަކަށް ސިފައިންގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ އިދާރީ އަދަބުތަކުގެ ތެރެއިން އެކަމަކަށް ކަނޑައެޅިފައިވާ އިދާރީ ފިޔަވަޅު އަބަދުވެސް އަޅަމުން އަންނަ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އެފަދަ ފިޔަވަޅުތައް އެޅުމުން އެކަމަށް ފާޑުކިޔައި ސިފައިންގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުތައް ނޭޅޭނެކަމަށް ބުނެ ބައެއް ޓީވީ ޗެނަލްތައް މެދުވެރިކޮށް ސިޔާސީ ބައެއް ފަރާތްތަކުން ވާހަކަދައްކަމުން އަންނަ ކަމަށެވެ.
އެއީ ޒިންމާދާރު އެއްވެސް މީޑިއާގެ ވަސީލަތަކުން ނުވަތަ ޒިންމާދާރު އެއްވެސް ސިޔާސީ ޕާޓީއަކުން ނުވަތަ ޒިންމާދާރު އެއްވެސް ރައްޔިތަކު ސިޔާސީ މަގުސަދެއް ހަސިލްލުކުރުމަށްޓަކައި ކޮށްގެންވާނެ ކަމެއް ނޫންކަމަށާއި ބައެއްގެ ސިޔާސީ މަގުސަދު ހާސިލު ކުރުމަށްޓަކައި ހިންގޭ ގާނޫނާ ޚިލާފު މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ގާނޫނާއި ޚިލާފު އެފަދަ ނޭދެވޭ އަމަލުތައް ހުއްޓާލުމަށް ހުރިހާ ފަރާތްތަކަށް ވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.