07 Dec 2010, 16:58
ވިލިމާލޭގައި އިއްޔެ ފުލުހުން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 17 މީހުންގެ ތެރެއިން 18 އަހަރު ނުފުރޭ ކުދިންތަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނެ، އެ ޝަކުވާ ފުލުހުންނަށް ހުށަހަޅައިފި އެވެ.
ވިލިމާލޭ ބޯޅަދަނޑު ސަރަހައްދުގައި ރޭ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން ބައެއް މީހުން މިއަދު ދޫކޮށްލުމާ އެކު، އެ މީހުންގެ ތެރެއިން 18 އަހަރު ނުފުރޭ ކުއްޖަކު ސަން އޮންލައިނަށް މައުލޫމާތު ދެމުން ބުނީ އެ މީހުން ހައްޔަރު ކުރުމަށް ކަމަށް ބުނެ، ރޭ އިރާކޮޅު ވެހެމުންދިޔަ ވާރޭތެރޭގައި ގައިގެ އެތަން މިތަނުގައި ފުލުހުން ތެޅި ކަމަށާއި ފުލުހުން އަރައިގެން ތިބި ބޫޓުން ވެސް އެ މީހުންގެ ގައިގައި ތެޅި ކަމަށެވެ. އަދި ހަޑި ހުތުރު ބަހުރުވައިން ޒުވާބުކޮށް އަތުންނާއި ފައިން ފުލުހުން އެ މީހުންގެ ގައިގައި ތެޅުމުގެ ސަބަބުން ބައެއް ކުދިންގެ ގައިގެ ތަން ތަން ދުޅަވެ، ލޭ އަންނަ ކަމަށް ވެސް އެ ކުދިން ސަން އޮންލައިނަށް ކިޔައިދިނެވެ.
"ފުލުހުން އަހަރުމެން ހައްޔަރު ކުރި ވަގުތަކީ ވާރޭ ވެހެމުންދިޔަ ވަގުތެއް ކަމުން އާންމުންގެ އެކަކު ވެސް ނެތް ފެންނާކަށް ނެތް. އެ ދަނޑިވަޅާ ދިމާކޮށް ވަރަށް ހަޑި ހުތުރު ބަހުރުވައިން ޒުވާބުކޮށް އެ މީހުން އަހަރުމެން ގައިގައި ތެޅި. ބައެއް ފުލުހުން ތަނެއްދޮރެއް ނުބަލާ އަހަރުމެން ގައިގައި އަތުންނާއި ބޫޓުން ތެޅި." ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އެ ކުދިންގެ ތެރެއިން ކުއްޖަކު ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ރަސްމީކޮށް ހުށަހަޅާފައި ނުވާނެ ކަމަށެވެ. އަދި ފުލުހުން ބަޔަކަށް އަނިޔާކޮށްފި ނަމަ އެ ކަން ބަލާނެ ރަސްމީ އިދާރާތަކެއް އެބަހުރި ކަމަށާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަން މެދުވެރިކޮށް ވެސް އެ މައްސަލަ ބެލޭނެ ކަމަށެވެ.
މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ބައެއް ކުދިން ދޫކޮށްލުމާ އެކު ސަން އޮންލައިނަށް މައުލޫމާތު ދެމުން އޭގެ ތެރެއިން ކުއްޖަކު ބުނީ އެ މީހުން މާރާމާރީ ހިންގާފައި ނުވާނެ ކަމަށެވެ. ނަމަވެސް އިއްޔެ ވިލިމާލެއަށް އައި މީހަކު ބަނގުރާ ބޮއެގެން ހުރެ މުޅި ވިލިމާލެތެރޭގައި "އެބުރެނީ" ކަމަށާއި ފެންނަ ކޮންމެ މީހަކާ ދިމާލަށް ފޮށެމުންދާތީވެ، އެ ކަން އެގޮތަށް ނުކުރުމަށް އެ މީހާ ކައިރީގައި ބުނެފައިވާނެ ކަމަށެވެ. އަދި ފުލުހުންނަށް އެ ކަން ރިޕޯޓް ކުރުމުން ވެސް އެ މީހާއާ މެދު އެވެސް ފިޔަވަޅެއް ފުލުހުން އަޅާފައި ނުވާ ކަމަށް ވެސް އެ ކުއްޖާ ސަން އޮންލައިނަށް ކިޔައިދިނެވެ.
އެ ކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން އިއްޔެ ވިލިމާލޭގައި ހިންގި އޮޕަރޭޝަންގެ މައުލޫމާތު ފަހުން މީޑިއާ އެކު ހިއްސާ ކުރާނެ ކަމަށެވެ.