30 Nov 2013, 15:15
މަސްތުވާތަކެތި އަޅާފައިވާ 25 ފެކެޓު އަންހެނެއްގެ ޖިންސީ ގުނަވަނެއްގައި ފޮރުވައިގެން ރަށަކަށް އެތެރެ ކުރަން އުޅެނިކޮށް ފުލުހުން އޭނާ އަތުލައިގަނެ، އެތަކެތި ނަގައިފި އެވެ.
ފުލުހުން ބުނީ އުމުރުން 33 އަހަރުގެ މީހާ މިއަދު ހައްޔަރު ކޮށްފައި ގއ. ދާންދޫން ކަމަށެވެ. ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ އަތުލައިގަތީ ގއ. އަތޮޅުގެ އެހެން ރަށަކުން މަސްތުވާތަކެތި ހިފައިގެން ދާންދު އަށް ފޭބި ތަނުންނެވެ. އެ އަންހެން މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް އޭނާގެ ޖިންސީ ގުނަވަނުގެ ތެރޭ ފޮރުވާފައި ހުރި، މަސްތުވާތަކެތި ނަރުހުންގެ އެހީތެރިކަމާ އެކު ނަގާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހައްޔަރު ކުރި އަންހެން މީހާގެ ބަންދަށް ކޯޓުން ވަނީ "މުއްދަތެއް ނެތް ގޮތަށް" ތަހުގީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް އެ އަންހެން މީހާ މިދިޔަ މަހު ވިހެއި ތުއްތު ކުއްޖަކު ހުރުމުން ގޭ ބަންދަށް ވަނީ ބަދަލުކޮށްފަ އެވެ.
ފުލުހުން ބުނީ ހައްޔަރު ކުރި 33 އަހަރުގެ މީހާއަކީ ވައްކަމާއި ފޭރުމާއި މަސްތުވާތަކެއްޗާއި ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގެ ރެކޯޑް އޮންނަ އަންހެނެއް ކަމަށެވެ.
ސަންއަށް މައުލޫމާތު ދިން މީހަކު ބުނީ އެ އަންހެން މީހާގެ ސަބަބުން އެ ރަށު މީހުންނަށް އުނދަގުލާ ކުރިމަތިލާން ޖެހޭ ކަމަށެވެ. މިދިޔަ މަހުގެ ތެރޭ އޭނާ ވިހެއި، ތުއްތު ދަރިފުޅު ހޮސްޕިޓަލަށް ދޫކޮށްލުމަށް ފަހު، ރަށު ތެރެއަށް ނުކުމެ، ވައްކަން ކުރި ކަމުގެ ތުހުމަތަށް ހައްޔަރު ކުރި އެވެ.
އެކި ފަހަރުމަތިން ފައިސާ އަށް މުސްކުޅިންނާ އެކު ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ވެސް އޭނާގެ މައްޗަށް އެ ރަށު މީހުން ތުހުމަތު ކުރެ އެވެ.