އަންނަ އަހަރުގެ ޗެމްޕިއަންއަސް ލީގަށް އެވަޓަން ކޮލިފައި ވެއްޖެނަމަ ލޯން އުސޫލުން އެޓީމަށް ކުޅޭ ޗެލްސީގެ ބެލްޖިއަމް ފޯވާޑްރޮމެލޫ ލުކާކޫ ޗެލްސީ ދޫކޮށް އެވަޓަންއަށް އެއްކޮށް ބަދަލުވާން ވިސްނާކަމަށް އޭނާ ބުނެފި އެވެ.

އުމުރުން 20 އަހަރުގެ ފޯވާޑް ބުނީ މިހާރު އޭނާއަށް ފުދޭވަރަކަށް ރަނގަޅަށް ކުޅުން ދެއްކުނު ކަމުގައިވީ ނަމަވެސް އޭނާގެ އަމިއްލަ ކްލަބް ކަމަށްވާ ޗެލްސީއިން އޭނާއާ އެއްވެސް ކަހަލަ މުއާމަލާތެއް ނުކުރާތާ މިހާރު ދެ މަސް ދުވަސް ވެދާނެ ކަމަށެވެ.
ލުކާކޫ ވަނީ އެވަޓަން އަށް މިސީޒަންގައި މިހާތަނަށް ހަތް ލަނޑު ކާމިޔާކޮށްދީފަ އެވެ. އަދި ޕްރިމިއާ ލީގު ތާވަލުގައި އެވަޓަން މިވަގުތު އޮތީ ޗެލްސީއަށް ވުރެ ތިން ޕޮއިންޓް މަދުން ތާވަލުގެ ހަތް ވަނައިގަ އެވެ.

"ރަނގަޅު ހިޔާލެއް. އަހަރެމެންނަށް ޗެމްޕިއަންސް ލީގު ފުރުސަތު ލިބިއްޖިއްޔާ މަޑު ނުކުރަންވީ ކީއްވެ؟،" ކްލަބްގައި މަޑުކުރާނަންތޯ ސުވާލު ކުރުމުން ލުކާކޫ ބުންޏެވެ. "އަހަރެން ޗެމްޕިއަންސް ލީގުގައި ކުޅެން އިންތިހާއަށް ބޭނުން... އަހަރެން ބޭނުން ޗެލްސީގައި ކާމިޔާބު ކުޅުންތެރިއަކަށް ވާން. އެކަމަކު އަހަރެން އަދިވެސް ބުރަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ މޮޅު ކުޅުންތެރިއަކަށް ވުމަށް. ސީޒަން ނިމޭއިރު އިނގޭނެ އެންމެ ރަނގަޅު ނިންމުމަކީ ކޮބައިކަން."

ލުކާކޫ އަކީ ހަތްވަރަކަށް ބަހުން ފަރިތަކަމާ އެކު ވާހަކަ ދައްކާލަން ދަންނަ ކުޅުންތެރިއެކެވެ. ރޯލް މޮޑެލްއެއްގެ ގޮތުގައި ޗެލްސީގެ ކުރީގެ ތަރި ޑިޑިއެ ޑްރޮގްބާ ދެކެމުން އަންނަ ޒުވާން ފޯވާޑް ވަނީ ލޯން ސޫލުން ވެސްޓް ބްރޮމްއަށް ކުޅުނު ސީޒަންގައި ވެސް އެޓީމަށް 17 ލަނޑު ޖަހައިދީ ގިނަ ބައެއްގެ ލޯބި ހޯދައިފަ އެވެ.

ބީބީސީގެ ފުޓްބޯލް ފޯކަސް އަށް ދިން އިންޓަވިއުއެއްގައި ލުކާކޫ ބުނީ އޭނާ ހީކުރަމުން އައީ ޗެލްސީއިން އޭނާގެ ކުޅުން ބަލަމުން ގެންދާނޭ ކަމަށާއި އެހެން ނަމަވެސް ކްލަބާއި އޭނާއާ ދޭތެރޭގައި މުއާމަލާތް ނުކުރެވޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

ލުކާކޫގެ ވާހަކަތަކަށް ރައްދުދީ ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނީ، އެއީ ޅަ ކުއްޖެއް ކަމަށާއި އެހެން ކަމުން ގިނަ ވާހަކަތައް ދައްކާނެ ކަމަށެވެ. އެހެން ނަމަވެސް ލުކާކޫ ޗެލްސީން އެވަޓަންއަށް ބަދަލުވި ސަބަބުވެސް އޭނާ ބުނެދޭން ޖެހޭ ކަމަށެވެ.

"އެއީ އަދި ޅަ ކުއްޖެއް. އެހެންވީ އެކަހަލަ އަނގަ ތަޅާނެ. އެހެން ނަމަވެސް އޭނާ [ލުކާކޫ] އަށް ބުނެ ނުދެވި އޮތް ވާހަކައަކީ ކީއްވެކަން އޭނާ އެވަޓަންއަށް ދިޔައީ،" ޗެލްސީގެ ކޯޗު ބުންޏެވެ. "އަހަރެން އެންމެ ފަހުން އޭނާއާ ބައްދަލުކުރީ އެވާހަކަ ދައްކަން. ކީއްވެ ބުނެ ނުދެވިގެން އެއުޅެނީ މިޓީމުގައި އޭނާ މިހާރު ނެތީ ކީއްވެކަން؟."

މޮރީނިއޯ ބުނީ، އެފަދަ ވާހަކަތައް ދައްކާއިރު ޗެލްސީގައި ލުކާކު ނެތީ ކީއވެގެން ކަމާއި އަދި އެވަޓަންގައި އޭނާ އެހުރީ ކީއްވެކަމާއި އެހުރިހާ ކަމެއްވެސް ކިޔައިދޭން ޖެހޭނެ ކަމަށެވެ.

ބެލްޖިއަމްގެ އަންޑަލެޗުން 2012 ވަނަ އަހަރު 18 މިލިޔަން ޕައުންޑަށް ޗެލްސީއަށް ބަދަލުވުމަށް ފަހު ލުކާކޫ އެޓީމަށް ކުޅެފައިވަނީ އެންމެ ފަސް ފަހަރު އެވެ.

ލުކާކޫ ބުނީ އޭނާ ޗެލްސީއަށް ކުޅެން ބޭނުން ކަމަށާއި އެހެން ނަމަވެސް އެވަޓަންއަށް ބަދަލުވާން ޖެހުނީ ގިނަ މެޗުތައް ކުޅުމުގެ ފުރުސަތު ޗެލްސީގައި ހުރެގެން ނުލިބޭތީ ކަމަށެވެ.