ނިއު ރޭޑިއަންޓްގެ މިޑްފީލްޑަރު އަލީ ފާސިރު (ސެންޓޭ) އެ ކްލަބްގައި އިތުރު ދެއަހަރު ދުވަހު މަޑުކުރުމަށް ނިންމައި ކޮންޓްރެކްޓް އާކޮށްފި އެވެ.

ނިމިދިޔަ ސީޒަންގައި 18 ލަނޑު ކާމިޔާބުކޮށް އެ ސީޒަންގައި ހަތަރު ވަނައަށް އެންމެ ގިނަ ލަނޑު ކާމިޔާބުކުރި އުމުރުން 25 އަހަރުގެ ސެންޓޭ ނިއުއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފައިވަނީ 2015 ވަނަ އަހަރުގެ ނިޔަލަށް ކަމަށް އެކްލަބުން ބުންޏެވެ.

ސެންޓޭގެ އިތުރުން ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ނިއުއާ އެކު ކޮންޓްރެކްޓް އާކޮށްފައިވާ އަނެއް ކުޅު އެޓީމުގެ މިޑްފީލްޑަރު މުޙައްމަދު އުމެއިރު (އުމޭ) އެވެ. ހުސްވި ސީޒަންގައި ދެވަނައަށް އެންމެ ގިނަ ލަނޑު ކާމިޔާބުކުރި އުމޭ ވަނީ 29 ލަނޑު ކާމިޔާބުކޮށްފަ އެވެ.

މިދިޔަ ސީޒަންގައި ގައުމީ ފެންވަރުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ހުރިހާ މުބާރާތެއް ކާމިޔާކޮށް 100 ޕަސެންޓްގެ މޮޅުވުމުގެ ތާރީޚީ ރެކޯޑަކާ އެކު ސީޒަން ނިންމާލި ނިއުގެ ސްކޮޑްގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ކުރިއަށް އޮތް ފުޓްބޯޅަ ސީޒަންގެ ނިޔަލަށް ނިއުއާއެކު ކުރިން ކޮންޓްރެކްޓް ހަދާފައިވާ ކުޅުން ތެރިންގެ ތެރޭގައި އަކްރަމް އަބްދުލްޣަނީ (އަކޫ)، މުޙައްމަދު ސިފާން (ކުޑައްޓޭ)، އިންސްމާއިލް އީސާ (މެސީ)، އަދި ރިލްވާ ވަހީދު (ރިލޭ) ހިމެނެ އެވެ.

ނިއުގެ ޗެއާމަން ބަލަކް މީގެ ކުރިން ވިދާޅުވެފައި ވަނީ، އަންނަ އަހަރުގެ ސީޒަން ފަށަންވާއިރަށް އޭނާގެ ޓީމްގައި އެންމެ ފަހުގެ ކާޔާބުތައް ތަކުރާރު ކުރެވޭ ވަރުގެ ސްކޮޑެއް ގާއިމު ކުރާނޭ ކަމަށެވެ. އަދި ޓީމަށް ބިދޭސީ ކުޅުންތެރިން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އެބަ ގެންދާ ކަމަށާއި އަންނަ ޑިސެމްބަރުގެ ތެރޭގައި އިތުރު ކުޅުންތެރިން ޓީމަށް ސޮއިކުރާނޭ ކަމަށް ބެލޭވޭ ކަމަށެވެ.

ހުސްވި ހަފްތާގައި ޗެމްޕިއަން ނިއު އިން ވަނީ އެޓީމުގެ ކޯޗު ކަމަށް ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު އެންޖަލް ޕެރޭޒް ގާސިއާ ހަމަޖައްސާފަ އެވެ. އުމުރުން 56 އަހަރުގެ ގާސިއާ ނިއުގެ ކޯޗުކަމަށް ހަމަ ޖައްސާފައިވަނީ 2014 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަން ނިމެންދެނެވެ.