ކ. ދިއްފުށީ ސްކޫލުގެ އިދާރީ މަރުކަޒުގައި އަލިފާންރޯވެ އަނދައި ހުލިވުމާ ގުޅިގެން އެތަން އަލުން މަރާމާތު ކުރުމަށްފަހު އަންނަ ތައުލީމީ އަހަރު ފެށުމުގެ ކުރިން އެ ސްކޫލްގައި ކިޔެވުން ފެއްޓޭ ވަރަށް އެތަން ތައްޔާރު ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ދިއްފުށީ ސްކޫލަށް ލިބިފައިވާ ގެއްލުން ބައްލަވާލެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުން މިއަދު އެ ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ބައިވެރިވާ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުލްމުހުސިން މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ އެތާގައި ހުރި ތިން އިމާރާތުން އަލިފާނުގެ ހާދިސާ އިން އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ އޮފީސް އިމާރާތަށް ކަމަށެވެ. އަދި އެތަނަށް ލިބިފައިވާ ގެއްލުން ބެލުމުގެ މަސައްކަތް އެމްއެންޑީއެފާ ގުޅިގެން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްކޫލުގައި ހުރި ތިން އިމާރާތުން ކްލާސް ރޫމުތައް ހުރި ދެ އިމާރާތް ރަނގަޅު. އިދާރީ ހިންގުމާއި ލައިބްރަރީ އާއި ހުރި އިމާރާތް އަނދައިގެން މިދިޔައީ. އެހެންވީމާ ސާވިސް ބޮލޮކްގެ ހިދުމަތްތައް ސްކޫލު ފެށެންވާއިރަށް ފުރިހަމަކޮށް ދިނުމަށް މަސައްކަތް މިކުރަނީ،" މުހުސިން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެތަން ހެދުމަށް ފައިސާ ހޯދަން ޖެހޭނީ އެކި ގޮތްގޮތުން ކަމަށާއި ނަމަވެސް ތައުލީމީ އަހަރު ފެށުމުގެ ކުރިން އެ ސްކޫލްގެ ކިޔެވުން ފެއްޓޭ ވަރަށް ތައްޔާރު ކުރައްވާނެ ކަމަށެވެ.

ދިއްފުށީ ސްކޫލް ލައިބްރަރީ އާއި ކޮމްޕިއުޓާލެބުގެ އިތުރުން ޕްރިންޓިން ރޫމާއި ދެ ގުދަން ވެސް ހުންނަ އިމާރާތުގައި އަލިފާން ރޯވެފައި ވަނީ ރޭ ފަތިހު 3:30 ގަ އެވެ. އަދި ރޯވި އަލިފާންގަނޑު މީރު އައިލެންޑް ރިސޯޓުގެ ފަޔާމަނުންނާއި އެމްއެންޑީއެފާއި އެ ރަށު ރައްޔިތުން ވެގެން ނިއްވާލާފައި ވަނީ ރޭ ފަތިހު 5:30 އެހައިކަންހާއިރު އެވެ.

އަލިފާނުގެ ހާދިސާ ހިނގި ވަގުތު ސްކޫލުގެ ވޮޗަރަކަށް ހުރި މީހާއާ ހަވާލާދީ ދިއްފުށީ ކައުންސިލުން ބުނީ ހާދިސާ ހިނގާފައި ވަނީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށް ޔަގީން ކުރެވޭ ކަމަށެވެ.