30 Nov 2013, 09:10
ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ސީޝެލްސްގެ ގައުމީ ޓީމާ ދެކޮޅަށް އެގައުމުގައި ރާއްޖެ ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން 2-1 ރާއްޖެ ބަލިވެއްޖެ އެވެ.
ރޭ ކުޅުނު އެ މެޗުގައި ސީޝެލްސް އިން މެޗުގެ ކުރިހޯދީ 12 ވަނަ މިނިޓުގަ އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ރާއްޖޭ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވަނީ، 20 ވަނަ މިނިޓްގައި ލަނޑެއް ކާމިޔާބުކޮށް ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ދަގަނޑޭ ވަނީ ކުރީ މެޗުގައި ވެސް ސީޝެލްސް ކުރި ހޯދާފައިވަނިކޮށް ލަނޑެއް ކާމިޔާބުކޮށް ރާއްޖެއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އަދި ސީޝެލްސްގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅެ 1-0 އިން ރާއްޖެ މޮޅުވި މެޗުގައި ވެސް ލަނޑު ޖެހީ ދަގަނޑޭ އެވެ.
މެޗުގެ ފަހު ހާފުގެ ކުޅުން ފެށިގެން ގާތްގަނޑަކަށް 10 ވަރަކަށް މިނިޓް ފަހުން ރާއްޖޭގެ ޑިފެންޑަރު ރިލްވާން ވަހީދަށް ވަނީ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އަދި އޭގެ ފައިދާ ނަގައި ސީޝެލްއިން ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ކުރި ހޯދި އެވެ.
ރާއްޖޭ ގައުމީ ޓީމް ސީޝެލްސްއަށް ކުރާ ދަތުރުގައި ކުޅުނު އެކުވެރި ކަމުގެ ފުރަތަމަ މެޗުން ސީޝެލްސްގެ 23 އަހަރުން ދަށުގެ ޓީމް އަތުން 1-0 އިން މޮޅުވި ނަމަވެސް އެކުވެރި ކަމުގެ ދެވަނަ މެޗުގައި އެ ގައުމުގެ ސީނިއާ ޓީމާ ވާދަކޮށް ރާއްޖެ ބަލިވީ، 3-1 އިންނެވެ.
ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މި ދެ ޓީމުގެ ކުރިމަތިލުން ތަކަށް ބަލާއިރު، 2011 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ސީޝެލްސްއިން ރާއްޖެ މައްޗަށް ކުރިހޯދީ 5-1 އިންނެވެ. އެހެން ނަމަވެސް އޭގެ ފަހުން ރާއްޖޭގައި މި ދެ ޓީމު ވާދަކުރި ދެމެޗުން އެއް މެޗު 3-0 އިން އަދި އަނެއް މެޗު 2-1 އިން ރާއްޖެ ވަނީ ކާމިޔާބު ކޮށްފަ އެވެ. އަދި ފަހުން ކުޅުނު ދެމެޗު ވެސް ކާމިޔާބުކޮށްފައި މިވަނީ ސީޝެލްސް އެވެ.
އެކުވެރިކަމުގެ މެޗުތަށް ނިންމާކުމަށް ފަހު ރާއްޖޭގެ ގައުމީ ޓީމް އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހު އެވެ.