30 Nov 2013, 09:16
ބައިނަލްއަގުވާމީ ފެންވަރުގެ އެވޯޑެއް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބިއްޖެ އެވެ.
އެ ބޭންކަށް ލިބިފައި ވަނީ ގްލޯބަލް ބިޒިނަސް އެކްސެލެންސް އެވޯޑުގެ ސީއެސްއާރު ކެޓަގަރީން އިން "އައުޓްސްޓޭންޑިން ކޮމިއުނިޓީ އިނީޝިއޭޓިވް އެވޯޑް" އެވެ. އެ އެވޯޑު ލިބިފައި ވަނީ ބީއެމްއެލްގެ ދޯނި ބޭންކިން ހިދުމަތަށެވެ.
އެ އެވޯޑަކީ އިނގިރޭސިވިލާތުގެ އެވޯޑްސް އިންޓެލިޖަންސް އިން ދޭ އެވޯޑެކެވެ.
ބީއެމްއެލް އިން ބުނާ ގޮތުގައި މީގެ 21 އަހަރު ކުރިން އެ ބޭންކުން ތައާރަފްކުރި ދޯނި ބޭންކިން ހިދުމަތަކީ ބޭންކުގެ ބްރާންޗް ނުހުންނަ ރަށްރަށަށް މަހަކު އެއްފަހަރު ގޮސް ރައްޔިތުންނަށް ބޭންކިންގެ ހިދުމަތް ފޯރުކޮށްދިނުމަށް ތައާރަފްކުރި ހިދުމަތެއް ކަމަށެވެ. އެ ދަތުރުތަކުގައި ބޭންކިންގެ ގިނަ ހިދުމަތްތަކެއް ދެ އެވެ. އޭގެ ތެރޭގައި ދައުލަތުން ފައިސާދޭ ފަރާތްތަކަށް ފައިސާ ދޫކުރުން ފަދަ މުހިންމު ހިދުމަތްތައް ހިމެނެ އެވެ.
އެ ބެންކުން މިދިޔަ އަހަރު ވެސް ދޯނި ބޭންކިން ހިދުމަތް ދިނުމަށް 2000 އަށް ވުރެ ގިނަ ދަތުރުކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ.