30 Nov 2013, 08:52
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވް ކުރުމަށް ޔޫރަޕުގެ އިއްތިހާދު (އީޔޫ)ގެ އޮބްޒާވާ މިޝަންއެއް ރާއްޖެ އަށް ފޮނުވުމާ ގުޅޭ ގޮތުން އެސެސްމަންޓެއް ހަދަން އީޔޫ އިން އިއުލާންކޮށްފި އެވެ.
ޔޫރަޕުގެ ކޮންސަލްޓިންގް ކުންފުންޏެއް ކަމަށްވާ "ޓްރާންސްޓެކް" މެދުވެރިކޮށް އީޔޫ އިން ހިންގާ "އެކްސްޕްލޮރެޓޮރީ މިޝަން"އަކީ ރާއްޖޭގައި މިއަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ކުރިއަށްދާ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރުމަށް އީޔޫގެ މިޝަންއެއް ރާއްޖެ އަށް ފޮނުވުމަކީ ބޭނުންތެރި ކަމެއްތޯ ބެލުމަށް ހިންގާ އެކްސްޕްލޮރެޓޮރީ މިޝަންއެއް ކަމަށް ޓްރާންސްޓެކްއިން ބުނެ އެވެ.
މިއެކްސްޕްލޮރެޓޮރީ މިޝަންގައި ބައިވެރިވުމަށް ޓްރާންސްޓެކްއިން ވަނީ ތިން ތަޖުރިބާކާރެއް ހޯދުމަށް އިއުލާންކޮށްފަ އެވެ. އެއީ ގާނޫނީ ކަންކަމާ ބެހޭ ތަޖުރިބާކާރަކާއި ދަތުރުފަތުރު އަދި ލޮޖިސްޓިކްސްއާ ބެހޭ ތަޖުރިބާކާރެއްގެ އިތުރުން ސަލާމަތީ ކަންކަމާ ބެހޭ ތަޖުރިބާކާރެކެވެ.
ޓްރާންސްޓެކްގެ އިއުލާންގައިވާ ގޮތުން 2014ގެ ޖެނުއަރީ މަހުގެ މެދުތެރެއިން ފެށިގެން 120 ދުވަހުގެ މުއްދަތަކަށް މިއެކްސްޕްލޮރެޓޮރީ މިޝަން ރާއްޖޭގައި ހަރަކާތްތެރިވާނެ އެވެ.
މިދުވަސްތަކުގައި އެކްސްޕްލޮރެޓޮރީ މިޝަންގެ ފަރާތުން ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ކުރިއަށްދާ ގޮތާއި އެ އިންތިހާބު އޮބްޒާވް ކުރުމުގައި އޮންނަ އުސޫލުތަކާއި ދަތުރުފަތުރުގެ ކަންކަމާއި ސަލާމަތީ ކަންކަމާ ބެހޭ ދިރާސާތަކެއްކޮށް، އީޔޫއަށް ހުށަހަޅާނެ އެވެ.
ޓްރާންސްޓެކުން ތިން ތަޖުރިބާކާރުން ހޯދަން އިއުލާންކޮށްފައި ވަނީ އިއްޔެ އެވެ.
މާޗު 27ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރުމަށް އީޔޫގެ މިޝަންއެއް ރާއްޖެ ފޮނުވުމާ ގުޅޭ ގޮތުން އީޔޫ އިން ގޮތެއް ނިންމާމީ އެކްސްޕްލޮރެޓޮރީ މިޝަންގެ ރިޕޯޓް ބެލުމަށް ފަހުގަ އެވެ.