މާދަމާއިން ފެށިގެން ރިސެސް އަށް ދިޔުމަށް ތިން ކޯޓަކުން ނިންމައިފި އެވެ.

ރިސެސްއަށް ދިޔުމަށް ނިންމާފައި ވަނީ ސުޕްރީމް ކޯޓާއި ކްރިމިނަލް ކޯޓުގެ އިތުރުން ފެމިލީ ކޯޓެވެ.

ސުޕްރީމް ކޯޓުން ބުނީ ގާނޫނުގައި ބުނެފައިވާގޮތަށް މާދަމާ އިން ފެށިގެން ޖެނުއަރީ މަހުގެ ދެވަނަ ދުވަހާ ހަމައަށް އެ ކޯޓު ރިސެސްއަށް ދިޔުމަށް ނިންމާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ މާދަމާ އިން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރިސެސްއަށް ދިޔުމަށް އެ ކޯޓުން ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރިސެސްގެ މުއްދަތުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށްދާނެ ކަމަށެވެ.

ރިސެސްއަށް ދިޔުމާ މެދު ސިވިލް ކޯޓުން މިހާތަނަށް ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އެ ކޯޓުގެ ގަވާއިދު ބުނާގޮތުން އެ ކޯޓުގެ ރިސެސް އޮންނާނީ މާދަމާއިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ.

ފެމިލީ ކޯޓުން ބުނީ އެ ކޯޓުގެ ރިސެސް އޮންނާނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ރަސްމީ ފުރަތަމަ މަސައްކަތު ދުވަހާއި ދެމެދަކީ ހައި ކޯޓުގެ ރަސްމީ ރިސެސް މުއްދަތު ނަމަވެސް މިއަހަރު ރިސެސްއަށް ނުދިއުމަށް ހައި ކޯޓުން ވަނީ ނިންމައިފަ އެވެ. އެ ކޯޓުން ބުނީ އެގޮތަށް ނިންމީ އަންނަ ޑިސެމްބަރު މަހު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ހަމަޖައްސާފައިވާތީ އެވެ.

އިންތިޚާބާ ބެހޭ ގާނޫނު ބުނާގޮތުން އިންތިޚާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލަންޖެހޭނީ ހައި ކޯޓުންނެވެ.
އާންމު އުސޫލުގެ ދަށުން ރިސެސް މުއްދަތުގައި ހުރިހާ ކޯޓުތަކެއްގައި ޝަރީއަތްތައް މެދުކަނޑާލި ނަމަވެސް ކޮންމެހެން ނެރެންޖެހޭ އަމުރުތަކާއި ބާއްވަންޖެހޭ ޝަރީއަތްތައް ކުރިއަށްދާނެ އެވެ. އަދި މައްސަލަތައް ބަލައިގަތުމާއި އިދާރީ ހުރިހާ މަސައްކަތްތަކެއް ވެސް އެ މުއްދަތުގައި ހުރިހާ ކޯޓެއްގައި ކުރިއަށް ގެންދާނެ އެވެ.