އަނެއްކާވެސް ތިން މީހަކު ސިފައިންގެ ވަޒީފާއިން ވަކިކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ ވަޒީފާއިން ވަކިކުރި ތިން މީހުންނަކީ ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލްއާއި ކެޕްޓަން އަބްދުލް މުއިޒް މުސްތަފާއާއި ސާޖަންޓް މޭޖާ ނައުޝާދު އަލީ ކަމަށެވެ.

އަބްދުﷲ ޝަމާލް ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފައި ވަނީ ސިފައިންގެ ތެރޭގައި ނުތަނަވަސްކަމާއި ފިތުނަ ފަސާދަ އުފެދޭގޮތައް އެކި ރޭންކުތަކުގެ މީހުންނާއި ވާހަކަދައްކާ މަސަލަހަތު ނަގާލަން މަސައްކަތް ކޮށްފައިވާތީ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މުއިޒް މުސްތަފާ ސިފައިންގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ އޭނާގެ ކޮމާންޑް ކަމުގެ ދަށުގައިވާ "ޓްރޫޕްސް" ބޭނުންކޮށްގެން ނުރައްކާތެރި އަމަލުތަކެއް ހިންގުމުގެ ވިސްނުން ގެންގުޅެ، އެކަން ރާވާފައިވާތީ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ނައުޝާދު އަލީ ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސްއަށް އެއްބާރުލުން ދޭންކަމަށް ބުނެ، އަބްދުﷲ ޝަމާލް ތައްޔާރުކޮށްފައިވާ ލިއުމެއްގައި ސޮއިކޮށް، އަދި އެލިއުމުގައި އެހެން ރޭންކުތަކުގެ ސިފައިން ސޮއިކޮށްފައިވާކަން ސިފައިންގެ އިސްވެރިންނަށް ސިއްރުކޮށްފައިވާތީ ކަމަށެވެ.

އެތިން މީހުންގެ އިތުރުން ދާދިފަހުން ވެސް ވަނީ ހަ މީހަކު ސިފައިންގެ ވަޒީފާ އިން ވަކިކޮށްފަ އެވެ. އެ މީހުންނަކީ ސިފައިންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް ކާނަލް އަހްމަދު ނިލާމާއި ފަސްޓް ލެފްޓިނެންޓް އަބްދުﷲ ޝަރީފާއި ސާޖެންޓް ފަސްޓް ކްލާސް އަލީ ވަހީދާއި ސްޓާފް ސާޖެންޓް އިބްރާހިމް އަލީ އާއި ސްޓާފް ސާޖެންޓް ހަސަން ހަމީދާއި ލާންސް ކޯޕްރަލް ސަހްރާބު ރާޝިދު އެވެ.