07 Dec 2010, 14:27
އެފްރިކާގެ މަލަބޯގެ ބާޓާގައި ހާލުގައި ޖެހިފައި އޮތް އެމްއެންއެސްއެލްގެ ބޯޓަށް ރެޑްކުރޮސެންޓުން ފެނާއި ކާބޯތަކެއްޗާއި އަންނައުނު ފޮނުވި ކަމަށާއި ނަމަވެސް އެ ތަކެތި ބޯޓަށް ލިބިފައި ނުވާ ކަމަށް އެ ބޯޓުގެ ފަޅުވެރިން ބުނެފި އެވެ.
މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް) ގެ ބޯޓެއް ކަމަށްވާ "މޯލްޑިވްސް އެންޓާޕްރައިޒަސް"ގެ ފަޅުވެރިއެއް ކަމަށްވާ މަޝްހޫރު ތަބައްގޭ އަދުނާނު ސަން އޮންލައިނަށް މައުލޫމާތުދެމުން މިއަދު ބުނީ ބޯޓްގެ އިންޖީނު ހަލާކުވެ، ކާބޯތަކެއްޗާއި ފެން ބޯޓުން ހުސްވެފައިވާތީ "އިކުއެޓޯރިއަލް ގިނީގެ ރެޑްކުރޮސެންޓް"އަށް އެހީއަށް އެދިފައިވާނެ ކަމަށާއި ނަމަވެސް އެއްވެސް އެހީއެއް ލިބިފައި ނުވާ ކަމަށެވެ.
ދިވެހި ރެޑްކުރޮސެންޓުގެ ސެކްރެޓަރީ ޖެނެރަލް ރަޝީދާ އަލީ މިއަދު ވިދާޅުވީ އިކުއެޓޯރިއަލް ގިނީގެ ރެޑްކުރޮސެންޓުގެ މެދުވެރިކޮށް ދިވެހި ބޯޓަށް ފެނާއި ކާބޯތަކެއްޗާއި "މަދިރިގެ" މިދިޔަ ބުރާސްފަތި ދުވަހު ފޯރުކޮށްދީފައިވާނެ ކަމަށާއި އަދި އިކުއެޓޯރިއަލް ގިނީގެ ރެޑްކުރޮސެންޓުން ވެސް އެ ބޯޓަށް އެހީ ފޯރުކޮށްދީފައިވާ ކަމަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
"ބޯޓްގެ ފަޅުވެރިން ހާލުގައި ޖެހިފައިވާ ކަމުގެ މައުލޫމާތު އިކުއެޓޯރިއަލް ގިނީގެ ރެޑްކުރޮސެންޓަށް ލިބުމާ އެކު، ބޯޓަށް އެހީ ފޯރުކޮށްދީފައިވާ ކަމަށް އެ ބޭފުޅުން ބުނަނީ. ނަމަވެސް އެ ބޯޓަށް އެހީ ނުލިބެންޏާމުން އެއީ މައްސަލައެއް. އެކަން އަޅުގަނޑު ބަލާނަން،" ރަޝީދާ ވިދާޅުވި އެވެ.
ނަމަވެސް ބޯޓްގެ ފަޅުވެރިން ބުނީ އެ މީހުންނަށް "އެބުނާ ކަހަލަ" އެވެސް އެއްޗެއް ނުލިބޭ ކަމަށެވެ.
ޔޫރަޕާއި އެފްރިކާގައި ދަތުރުކުރާ އެމްއެންއެސްއެލްގެ މޯލްޑިވްސް އެންޓާޕްރައިޒަސް ހާލުގައި ޖެހުނީ މިދިޔަ ސެޕްޓެންބަރު މަހުގެ 14 ވަނަ ދުވަހު އެ ބޯޓްގެ އިންޖީނުގެ "ޓާބޯ ޗާޖަރު" ހަލާކުވެގެންނެވެ. އަދި އެ ބޯޓްގެ އިންޖީނު މަރާމާތު ކުރުމުގެ މަސައްކަތް އެމްއެންއެސްއެލްއިން ކުރަމުންދާތާ ތިން މަސްވެފައިވާއިރު، ބޯޓުން ކާބޯތަކެއްޗާއި ފެން ހުސްވެފައިވުމުން އެ ބޯޓަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް އެމްއެންއެސްއެލްގެ އެޖެންޓުން މެދުވެރިކޮށް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެވެ. ބޯޓްގައި ތިބި 19 ދިވެހި ފަޅުވެރިންގެ ތެރެއިން ހަތަރު މީހުންނަށް މެލޭރީއާ ޖެހި އެކެއްގެ ސިއްހީ ހާލަތު ގޯސްވުމުން އެ މީހާއަށް ބާޓާ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ. އަދި ބޯޓްގެ ސެކަންޑް އޮފިސަރު އަދި އެމްއެމްއެސްއެލްގެ ޗެއާމަން ސެންކޯ ޝަރީފުގެ ދަރިފުޅު ޝަންމޫން ޝަރީފުގެ ސިއްހީ ހާލަތު ގޯސްވެ ބާޓާ ހޮސްޕިޓަލުން ފަރުވާ ނުލިބުމުން އޭނާއާ އެކު ފަޅުވެރިއެއް ވެސް މާލެ ގެންނަ ގޮތަށް ނިންމާފައިވާ ކަމަށް އެމްއެންއެސްއެލްއިން ބުނެ އެވެ.