ރާއްޖޭގެ ތަރައްގީގެ މައްސަލަތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތުދީ އެކަންތައްތައް ލިޔާނެ ގޮތާ މެދު ހޭލުންތެރިކުރުވުމަށް ޔޫއެންޑީޕީ އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގުޅިގެން ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމާލައިފި އެވެ.

ނޫސްވެރިކަމުގައި 25 އަހަރުގެ ތަޖުރިބާ ލިބިފައިވާ، ނޭޕާލުގެ ބިނޯދު ބަތަރާއީ އާ އެކު ޝީ ބިލްޑިންގުގައި މިދިޔަ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ތަމްރީން ޕްރޮގްރާމުގައި ރާއްޖޭގެ މީޑިއާ ސްޓޭޝަންތަކުންނާއި ގައުމީ ޔުނިވާސިޓީގައި ނޫސްވެރިކަމުން ތަމްރީން ހާސިލުކުރަމުންދާ ދަރިވަރުންނާ އެކު ޖުމްލަ 16 ނޫސްވެރިޔަކު ވަނީ ބައިވެރިވެފަ އެވެ.

ޔޫއެންޑީޕީގެ ޕްރޮޖެކްޓް ކޯޑިނޭޓަ އައިޝަތު ނޫރާ މުހައްމަދު ވިދާޅުވީ އެ ތަމްރީން ޕްރޮގްރާމަކީ ވަރަށް ވެސް ފުރިހަމަ ޕްރޮގްރާމެއް ކަމަށާއި އެ ތަމްރީން ޕްރޮގްރާމަކީ ނޫސްވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ފެށުމެއް ކަމަށެވެ. އަދި އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ބައެއް މައްސަލަތައް ޝާއިއުކޮށް ބްރޯޑްކާސްޓު ކުރުމަށް ތަމްރީނުގައި ބައިވެރިވި ނޫސްވެރިންނާ އެކު މަސައްކަތް ފަށާނެ ކަމަށް ވެސް ނޫރާ ވިދާޅުވި އެވެ.

ރާއްޖޭގެ ތަރައްގީއާ ގުޅުން ހުރި މައްސަލަތަކާ ގުޅޭ ތަޖުރިބާކާރުންގެ ފަރާތުން މައުލޫމާތު ދީގެން ބޭއްވި އެ ތަމްރީން ޕްރޮގްރާމުގައި ނޫސްވެރިންނަށް ވަނީ ޒުވާނުންނާއި ތިމާވެއްޓާއި ޖެންޑާގެ މައްސަލަތަކުގެ އިތުރުން އަދުލު އިންސާފުގެ ދާއިރާ އިން ވަނީ މައުލޫމާތުދީފަ އެވެ. މީގެ އިތުރުން ތަމްރީން ޕްރޮގްރާމުގެ ބައިވެރިން ވަނީ އެ މައްސަލަތަކާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ޓަކައި މާފުއްޓަށް ގޮސް އެރަށުގައި ވެސް ތަމްރީނުގެ ބައެއް ފުރިހަމަކޮށްފަ އެވެ.