ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އަންނަ މަހު ފަހުކޮޅު އިންޑިއާ އަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު މިއަދު ވިދާޅުވީ ބޮޑުވަޒީރު މަންމޯހަން ސިންގްގެ ދައުވަތަކަށް އަންނަ މަހުގެ 22 ވަނަ ދުވަހު ރައީސް ޔާމީން އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި ބޮޑުވަޒީރާއި އެ ގައުމުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

މުއާޒު ވިދާޅުވީ ތިން ދުވަހުގެ ދަތުރުފުޅުގައި ދެ ގައުމުގެ އިސްވެރިންގެ ރަސްމީ ބައްދަލުވުމުގެ އިތުރުން އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ނޫހެއްގައި ބުނެފައި ވަނީ ރައީސް ޔާމީން އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި އަންނަ މަހުގެ 24 ވަނަ ދުވަހު އޮންނަ ސައުތު އޭޝިއަން ޔުނިވާސިޓީގެ ގްރެޖުއޭޝަންގައި ޝަރުފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

ސާކުން އިސް ނަގައިގެން 2010 ވަނަ އުފައްދާފައިވާ ޔުނިވާސިޓީގެ ފުރަތަމަ ގުރެޖުއޭޝަން ބާއްވަން ހަމަޖެއްސީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ.

ރިޔާސީ އިންތިހާބުގެ ބާތިލުކުރި ބުރަށް ފަހު އިންޑިއާ އިން ރާއްޖޭގެ ސިޔާސީ ކަންތައްތަކުގެ ތެރެއަށް ފާޅުގައި ވަދެ ފާޑުކިޔައި އެކި އެކި ގޮތްގޮތުން ޕްރެޝާކޮށްފައިވެ އެވެ. ނަމަވެސް ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބުކުރެއްވުމާ ގުޅިގެން އިންޑިއާ އިން ވަނީ މަރުހަބާކިޔައިފަ އެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ވެސް ވަނީ ތަހުނިޔާ ވިދާޅުވެ މެސެޖެއް ވެސް ފޮނުއްވައިފަ އެވެ.