30 Nov 2013, 06:58
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް އެމްޑީޕީގެ ތެރޭގައި ބާއްވާ ޕްރައިމަރީގެ ބައެއް ދާއިރާތަކުގެ ރަށްތަކުގެ ވޯޓްލުން މިއަދު ފަށައިފި އެވެ.
މިއަދު ވޯޓްލުން ބާއްވާ ދާއިރާތަކުގެ ތެރޭގައި ގދ. ފަރެސް މާތޮޑާ އާއި ލ. ހިތަދޫ އާއި ލ. ކުނަހަންދޫ އާއި ޅ. ނައިފަރުގެ އިތުރުން ހއ. އިހަވަންދޫ އާއި ށ. ޅައިމަގު އިތުރުން މާލެ ސިޓީ އާއި އައްޑޫ ސިޓީ އާއި ފުވައްމުލަކާއި ހދ. ކުޅުދުއްފުއްޓާއި ހއ. ދިއްދޫގެ އިތުރުން ޅ. ކުރެންދޫ އާއި ށ. ޅައިމަގު ދާއިރާގެ ރަށްތައް ހިމެނެ އެވެ.
މިއަދު ހެނދުނު 9:00ގައި ފެށި އެ ވޯޓްލުން ނިންމާލުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00 އަށެވެ. މާލޭ ދާއިރާގެ ވޯޓުލުން މާލޭ ސިޓީ ހޯލްގައި ބާއްވާ އިރު އަތޮޅުތަކުގެ ވޯޓުލުން މާލޭގައި އޮންނަނީ މަންދު ކޮލެޖްގަ އެވެ. އަދި އެ ކޮންމެ ރަށެއްގައި ވެސް ވޯޓްލުން ކުރިއަށް ގެންދެ އެވެ.
އެމްޑީޕީގެ އިންތިހާބު ކޮމެޓީގެ މެމްބަރު އިބްރާހިމް ވަހީދު މިއަދު "ސަން" އަށް ވިދާޅުވީ މިއަދު ބާއްވާ އިންތިހާބުގައި 44 ވޯޓްފޮށި ބަހައްޓާފައިވާ އިރު އެ އިންތިހާބުގައި 185 ކެންޑިޑޭޓުން ވާދަކުރާ ކަމަށެވެ. އަދި މިއަދު ބާއްވާ އިންތިހާބުތަކަށް ވޯޓްލެވޭ އާބާދީއަކީ 17455 މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ އިން މިއަދު ޕްރައިމަރީ ބާއްވާ ދާއިރާތައް ފިޔަވައި އެހެން ދާއިރާތަކުގެ ވޯޓްލުން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އަންނަ ހޯމަ ދުވަހު އެވެ.