30 Nov 2013, 06:53
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް އަނެއްކާ ވެސް މުހައްމަދު ނިމާލް އައްޔަން ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ ނިމާލް އެ މަގާމަށް ހަމަޖައްސަވާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ކަމަށެވެ.
"ބުރާސްފަތި ދުވަހުގެ ރޭ ނިމާލް ފެނަކަ ކޯޕަރޭޝަންގެ އެމްޑީއަކަށް ހަމަޖައްސަވާފައި ވަނީ،" މުއާޒު ވިދާޅުވި އެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން އުފެއްދުމާ އެކު އެމަގާމަށް ހަމަޖެއްސެވީ ވެސް އޭނާ އެވެ. ނަމަވެސް މަގާމުގެ ނުފޫޒު ބޭނުންކުރައްވާ ކަމަށް ތުހުމަތުކޮށް ފަހުން އޭނާ ވަނީ އެމަގާމުން ވަކިކުރައްވައިފަ އެވެ.
ރައީސް ވަހީދުގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީކަމުން ނިނާލް ވަކިކުރެއްވީ މިއަހަރުގެ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
އޭނާ ވަކި ކުރެއްވުމަށް ފަހު އެމްޑީގެ މަގާމަށް ހަމަޖެއްސެވީ ދ. ކުޑަހުވަދޫ ބޮޑުގޭ ފާރޫގު މުހައްމަދު ހަސަން އެވެ. އޭނާ އެ މަގާމަށް ހަމަޖައްސަވާފައި ވަނީ މިދިޔަ އޯގަސްޓު މަހުގެ 18 ވަނަ ދުވަހު އެވެ.