30 Nov 2013, 06:44
މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 9.6 ބިލިއަން ރުފިޔާ ލިބުނު އިރު ހަރަދުގެ ގޮތުގައި 11.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކުން ލަފާކޮށްފައިވާ ގޮތުގައި މި އަހަރުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނީ 11.7 ބިލިއަން ރުފިޔާ އެވެ. އަދި ދައުލަތުގެ ހަރަދާއި ނެޓް ލެންޑިންގެ ގޮތުގައި ހިނގާނެ ކަމަށް ލަފާކޮށްފައިވާ 13.3 ބިލިއަން ރުފިޔާ އެވެ. އެއާ އެކު ޖުމްލަ 1.6 ބިލިއަން ރުފިޔާ އިން ބަޖެޓް ދަރަނިވެރިވާނެ އެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން ފަސް ޕަސެންޓް ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ދައުލަތުގެ ހަރަދުގެ ތެރެއިން ބޮޑު ބައެއް ހޭދަކޮށްފައި ވަނީ މުސާރަ އާއި އިނާޔަތުގެ ގޮތުގަ އެވެ.
އެމްއެމްއޭ އިން ބުނީ މިދިޔަ އޮކްޓޯބަރު މަހު ރިވައިސްކޮށްފައިވާ ބެލެންސް އޮފް ޕޭމަންޓްސްގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރު ކަރަންޓް އެކައުންޓް 472.5 މިލިއަން ޑޮލަރުން ޑެފިސިޓްވާނެ އެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 21 ޕަސެންޓެވެ.
އެ އޮތޯރިޓީން ބުނީ މިއަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 4.3 ޕަސެންޓް ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް ޕްލޭނިން ޑިޕާޓްމަންޓްގެ ހިސާބުތައް ދައްކާ ގޮތުން މިހާރު އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ލަފާކޮށްފައި ވަނީ 3.7 ޕަސެންޓްގަ އެވެ. އޭގެ މައިގަނޑު ސަބަބެއް ކަމަށް ބުނެފައި ވަނީ އިމާރާތްކުރުމުގެ ދާއިރާ އާއި އުފެއްދުންތެރިކަމުގެ ދާއިރާ ކުރިއަރާނެ ކަމަށް ލަފާކުރި ނަމަވެސް ލަފާކުރި މިންވަރަށް އެ ދެ ދާއިރާ ކުރިއަރަމުން ނުދިއުމެވެ. އެކަމަކު ކުރިން ލަފާކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް ޓޫރިސްޓުން އަންނާތީ އެ ދާއިރާ ކުރިއަރާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އަންނަ އަހަރު އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ލަފާކޮށްފައި ވަނީ 4.5 ޕަސެންޓްގަ އެވެ.