30 Nov 2013, 06:11
ދ. ނިޔާމަ މޯލްޑިވްސް ރިސޯޓްގެ 50 ޕަސެންޓް ހިއްސާ ތައިލެންޑްގެ މައިނާ ގްރޫޕުން ގަނެފި އެވެ.
މައިނާ ގްރޫޕަކީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބާގާ ކިންގާއި ތައި އެކްސްޕްރެސް އާއި ކޮފީ ކްލަބް އަދި ސްވެންސެން އައިސްކްރީމް ވިއްކާ ކުންފުންޏެވެ. އަދި އެ ކުންފުނިން ރާއްޖޭގައި މިހާރު ހަ ރިސޯޓެއް ހިންގަ އެވެ. އެއީ އަނަންތާރާ ބްރޭންޑް އާއި ނަލަދޫ އަދި ޕާއެކުމް ބްރޭންޑްގެ ނިޔާމަ ރިސޯޓެވެ.
ޔުނިވާސަލް އެންޓަޕްރައިސަސް އިން ހިންގާ ޕާއެކުމް ބްރޭންޑްގެ ނިޔާމަ ރިސޯޓުގެ 50 ޕަސެންޓް ހިއްސާ ގަނެފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެ ރިސޯޓުގެ އިންވެސްޓްމަންޓްގެ އަގު 22.5 މިލިއަން ޑޮލަރަށް އަރަ އެވެ.
މައިނާ ގްރޫޕްގެ ޗެއާމަން މައިކަލް އީ ހެނެކީ ވިދާޅުވީ މިއީ ރާއްޖޭގައި އެ ކުންފުނިން ވިޔަފާރިކުރާތާ އަށްވަނަ އަހަރު ކަމަށެވެ.
"އަޅުގަނޑަށް ރާއްޖޭގެ އިންވެސްޓްމަންޓާ މެދު އިތުބާރު އެބައޮތް. މި އިންވެސްޓްމަންޓްގެ ސަބަބުން އަޅުގަނޑުމެންގެ މާކެޓްތައް އިތުރަށް ވަރުދަކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
މާލެއިން ފުރައިގެން 40 މިނެޓުން ދެވޭ ހިސާބުގައި އޮންނަ 86 ކޮޓަރީގެ ރިސޯޓަކީ ރާއްޖޭގައި އެންމެ ފުރަތަމަ ކަނޑުއަޑީގެ މިއުޒިކް ކްލަބް ވެސް ހެދި ރިސޯޓެވެ.