މާލޭ ދަފްތަރުގައި ނަން އޮންނަ މީހުންގެ ތެރެއިން އެ މީހަކު ދިރިއުޅޭ އެޑްރެސް އަންގާފައިނުވާ ފަރާތްތަކުން، މިހާރު މާލޭގައި ދިރިއުޅޭ އެޑްރެސް އަންގައިދިނުމަށް އިލެކްޝަން ކޮމިޝަނުން އެދިއްޖެ އެވެ.

އެ ކޮމިޝަނުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލޭގެ ދަފްތަރުގައި ޖައްސާފައިވާ މީހުންގެ ތެރެއިން އެ މީހަކު ދިރިއުޅޭ އެޑްރެސް އަންގާފައިނުވާ ފަރާތްތަކުން އެމީހަކު ދިރިއުޅޭ އެޑްރެހާއި ދަފްތަރު ނަންބަރާއި އެ މީހަކު ކުރިން ރަށްވެހިވެފައިވާ ރަށުގެ އެޑްރެސް އެ ކޮމިޝަނަށް އަންގައިދިނުމަށެވެ.

އެގޮތުން އެ ކޮމިޝަނަށް މައުލޫމާތު ދީފައިވާ މީހުންގެ މައުލޫމާތު މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމިޝަންގެ ވެބްސައިޓުގައި ޝާއިއު ކުރެވިފައިވާނެ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ. އަދި މައުލޫމާތު ދީފައިވާ މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ދިރިއުޅޭ އެޑްރެސްއަށް ބަދަލެއް އަތުވެއްޖެ ނަމަ އެ މައުލޫމާތެއް ވެސް އަންގައިދިނުމަށް އެ ކޮމިޝަނުގެ އިއުލާންގައި އެދިފައިވެ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ މާލޭ ދަފްތަރުގައި ޖައްސާފައިވާ މީހުންގެ މައުލޫމާތު އަންގަންޖެހޭ ފޯމް އެ ކޮމިޝަންގެ ވެބްސައިޓުންނާއި އެ ކޮމިޝަންގެ އިދާރާއިން ވެސް ލިބެން ހުންނާނެ ކަމަށާއި އެ ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 4:00 ކަމަށެވެ. އަދި އެހެން މީހަކު މެދުވެރިކޮށް ފޯމް ހުށަހަޅާނަމަ އެ ފޯމް ގެންނަ މީހެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންނަންޖެހޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ރައްޔިތުން މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނު ގެ ދަށުން މާލޭ ދަފްތަރުގައި ޖައްސާފައިވާ މީހުންގެ މައުލޫމާތު ހޯދުމަށްޓަކައި އެ ކޮމިޝަނުން ކުރި އިއުލާނާއި ގުޅިގެން މިހާތަނަށް 1173 މީހުން މައުލޫމާތު ދީފައިވާ ކަމަށެވެ.