މާލެ މަގުތަކުގެ ކާނުތައް ސާފުނުކޮށް ޒަމާންތަކެއް ވަންދެން އޮތުމަށް ފަހު އެންމެ ބޮޑަށް ފެންބޮޑުވާ މަގުތަކުގެ ކާނުތައް ސާފު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

ވާރޭ ވެހޭ ދުވަސްވަރު މާލެ ފެންބޮޑުވެ ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް ފެންބޮޑުވާ ބޮޑެތި މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ސަރުކާރުން މިއަދު ފެއްޓީ މާލެ އަށް ދިމާވެފައިވާ ބައެއް ދަތިތައް ހައްލުކޮށް ދިނުމަށް ސަރުކާރުން ފެށި "ފަހި މަގު ސާފު މާލެ" ޕްރޮގުރާމްގެ ދަށުންނެވެ.

"ފަހި މަގު ސާފު މާލެ" ޕްރޮގުރާމާ ބެހޭ ގޮތުން ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހިމް މިއަދު ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ މަގުތަކުގެ ކާނުތައް ސާފުކޮށް ފަސް ދުވަސްތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ތޯރިގު ވިދާޅުވީ އެ މަސައްކަތުގައި ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުގެ އިތުރުން މާލޭ ސިޓީ ކައުންސިލުން ބައިވެރިވާނެ ކަމަށާއި އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮން އެންމެނަށް ވެސް ހުޅުވާލާފައިވާ ކަމަށެވެ.

"މާލެ ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަމެއް މާލޭގެ އެފަދަ މަސައްކަތްތައް ކުރުމުކީ. އެހެން ނަމަވެސް ސަރުކާރުން މި އިސްނަގައިގެން މި މަސައްކަތް ފެށީ މި ވަގުތުން ވަގުތަށް ވެސް ހައްލު ކުރަން ޖެހޭ ކަމަކަށް ވާތީ،"

ސަތޭކަ ދުވަހަށް އަމާޒުކޮށްގެން ސަރުކާރުން ފެށި "ފަހި މަގު ސާފު މާލެ"ގެ ދަށުން ކުރިއަށް އޮތްތަނުގައި މާލޭގެ އެކި ސަރައްދުތަކުގައި ގާއިމުކޮށްފައިވާ ޕަމްޕް ސްޓޭޝަންތަކުގެ ތެރެއިން ހަލާކު ވެފައިވާ ޕަމްޕް ސްޓޭޝަންތައް މަރާމަތުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ. އަދި އެ ސްޓޭޝަންތައް އެހެން ތަންތަނަށް ބަދަލުކުރަން ޖެހޭ ކަމަށްވާ ނަމަ އެ ބަދަލު ކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އޭނާ ފާހަގަ ކުރެއްވެވި އެވެ.