30 Nov 2013, 05:09
ބެންކޮކް (ނޮވެމްބަރު 30): ތައިލެންޑްގައި ސަރުކާރާ ދެކޮޅަށް ކުރަމުންގެންދާ މުޒާހަރާތަކާ ގުޅިގެން ގައުމުގެ ޙާލަތު ނުރައްކަލުގައި ވީނަމަވެސް އަވަސް އިންތިޚާބެއް ބާއްވަން ގަސްދު ނުކުރައްވާ ކަމަށް ބޮޑުވަޒީރު ޔިންގްލަކް ޝިނަވަޓްރާ ވިދާޅުވެއްޖެ އެވެ.
ބީބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި ޔިންގްލަކް ވިދާޅުވީ މިހާރު އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ މުޒާހަރާތަކާއި އިހްތިޖާޖްތަކާ މެދު ހާސްވެވަޑައިނުގަންނަވާ ކަމަށާއި ބާރުގެ ބޭނުންކޮށްގެންނާއި ހަރުކަށިކަން ދައްކައިގެން އަވަސް އިންތިޚާބަކަށް ދިޔުމަށް ސަރުކާރަށް މަޖްބޫރު ނުކުރެވޭނެ ކަމުގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ތައި ދިފާޢީ ވުޒާރާ ހިސާރު ކުރުމަށް ފަހު އިއްޔެ އެވުޒާރާއަށް ވަނީ ހާކަކަށް ވުރެ ގިނަ މީހުން ވަދެގެންފަ އެވެ. އެވުޒާރާ އަށް ގަދަބާރުން ވަދެގަތް އިދިކޮޅު އެކްޓިވިސްޓުން ވަނީ ބޮޑުވަޒީރާ ޔިންގްލަކް ޝިނަވަޓްރާ ސަރުކާރާ މެދު ސިފައިން ދެކޭގޮތް ހާމަކުރުމަށް ސިފައިންގެ އިސްކޮމާންޑަރުންނަށް ގޮވާލާފަ އެވެ. ތައިލެންޑްގެ އިދިކޮޅު ފަރާތްތަކަށް ތައިލެންޑްގެ ޝާހީ އާއިލާ އާއި މަތީފަންތީގެ ނުފޫޒު ގަދަ ފަރާތްތަކުގެ އިތުރުން ސިފައިންގެ ބައެއް އިސްފަރާތްތަކުގެ ތާއީދު އޮތްކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ސަރުކާރުން ވަނީ އަސްކަރީ އިންގިލާބެއްގެ ނުރައްކާ އަދި ފެންނަންނެތް ކަމަށް ބުނެފަ އެވެ.
މީގެ އަށެއްކަ އަހަރު ކުރިން ޔިންގްލަކްގެ ބޭބެ ތަކްސިން ޝިނަވަޓްރާގެ ސަރުކާރު ވަނީ ޢަސްކަރީ އިންގިލާބެއްގައި ވައްޓާލާފަ އެވެ. ޔިންގްލަކްގެ މައްޗަށް އިދިކޮޅު ފަރާތްތަކުން ކުރާ ސިޔާސީ ތުހުމަތުތަކުގެ ތެރޭގައި ބޭބެ ތަކްސިން އެދިވަޑައިގަންނަވާ ގޮތަށް އޭނާގެ އިރުޝާދުގެ ދަށުން ސަރުކާރު ހިންގުން ހިމެނެ އެވެ. އިންތިޚާބުގެ ދުވަސްވަރު ޔިންގްލަކް ވަނީ އޭނާގެ ސިޔާސީ މުރުޝިދަކީ ބޭބެ ތަކްސިން ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ޔިންގްލަކް ބޮޑުވަޒީރަކަށް އިންތިޚާބު ވެޑައިގެންފައި ވަނީ އެކަމަނާގެ ބޭބެއަށް އޮތް ރައްޔިތުންގެ ތާއީދުގެ ތެރެއިން ކަމަށް ވަނީ ބެލެވިފަ އެވެ. ތަކްސިން އަކީ ތައިލެންޑްގެ ފަގީރުންނާއި މެދުފަންތީގެ މީހުންގެ ޢާއިލާތަކުގެ ތާއީދު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ބެންގްކޮކް އާއި ތައިލެންޑްގެ ބައެއް ސަރަހައްދުތަކުގައި ކުރިޔަށްދާ މުޒާހަރާތައް ފެށުނީ ޚިޔާނާތާއި ކޮރަޕްޝަނުގެ ޢަމަލުތައް ސާބިތުވެ ކޯޓުން ޙުކުމްކޮށްފައިވާ ސިޔާސީ ފަރާތްތަކަށް މައާފް ދިނުމުގެ ގާނޫނެއް ޕާލަމެންޓުން ފާސްކުރަން ސަރުކާރުން މަސައްކަތް ކުރާތީ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. މިފަދަ ގާނޫނެއް ފާސްކުރުމަށް ބޮޑުވަޒީރާ ޔިންގްލަކް ޝިނަވަޓްރާގެ ސަރުކާރުން މަސައްކަތްކުރަނީ އެކަމަނާގެ ބޭބެ ކުރީގެ ބޮޑުވަޒީރު ތަކްސިން އަށް މަޢާފް ދެވޭނެގޮތެއް ހަމަޖެއްސުމަށް ކަމަށް ވެސް އެފަރާތްތަކުން ތުހުމަތުކުރެ އެވެ.
ތަކްސިންއަކީ ޚިޔާނާތާއި ކޮރަޕްޝަނުގެ މައްސަލަތަކެއް ސާބިތުވުމާ ގުޅިގެން ޖަލަށްލުމަށް ކޯޓުން ޙުކުމްކޮށްފައިވާ ބޭފުޅެކެވެ. އޭނާ ގައުމުން ބޭރުގައި ދިރިއުޅުއްވަމުން ގެންދިޔުމުގެ ސަބަބުން އެހުކުމް ތަންފީޒު ކުރެވޭނެ ގޮތެއް ވަނީ ނުވެފަ އެވެ. (ބީބީސީ)