30 Nov 2013, 04:57
އަގީދާގެ މިނިވަންކަމަކީ ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކުގެ އާއްމު ގަރާރުގައި ބަޔާންކޮށްފައިވާ ހައްގެކެވެ. އެއީ ވަކި ގައުމަކަށް، ވަކި ސަރަހައްދެއްގެ ބަޔަކަށް ހާއްސަވެފައިވާ ހައްގެއް ނޫނެވެ. އެހެންވީމާ ދިވެހިން އިޚުތިޔާރު ކުރާ ދީނެއްގައި ތިބުމުގެ މިނިވަންކަން ދިވެހިންނަށްވެ އެވެ. އިސްލާމްދީނަކީ ދިވެހި ދައުލަތުގެ ދީން ކަމުގައި ދިވެހިން ވަނީ ބަލައިގެންފަ އެވެ. މަދު ބަޔަކު އެ ނޫން ގޮތެއް ބޭނުން ވުމަކީ އަދި އެހެން ކަމެކެވެ. އެ މަދު މީހުންނަށް އޮތީ ގިނަ މީހުންގެ ނިންމުމަށް ތަބާވުމެވެ. މި ޒަމާނުގައި އެންމެން އެ ނިޒާމަކަށް މަރުދޭ ޑިމޮކްރަސީގެ އުސޫލަކީ މި އެވެ.
ކަން މިހެން ހުރި ނަމަވެސް ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރަން އެންމެ އަޑުގަދަކޮށް ގޮވާ ފަރާތްތަކުގެ މިސްރާބު ހުރީ އެހެން ދިމާލަކަށެވެ. ދިވެހިންގެ ސާފު އަޣުލަބިއްޔަތު ލިބިފައިވާ ގޮތެއް އެ މީހުންނަކަށް ކަމަކު ނުދެ އެވެ. މިއީ ގިނަ ބަޔަކަށް ގަބޫލު ނުކުރެވޭ ވާހަކަ އަކަށް ވެދާނެ އެވެ.
ނަމަވެސް ރާއްޖެއާ ބައިނަލް އަގުވާމީ އެކި ޖަމާއަތްތަކާ ދެމެދު ފަހަކަށް އައިސް ހިނގި ހުރިހާ މުއާމަލާތަކަށް ވިސްނާލުމުން ފެންނަނީ ހަމަ މި މަންޒަރެވެ. ދިވެހި ދައުލަތަކީ ވަކި ދީނެއް ތަމްސީލު ނުކުރާ ދައުލަތަކަށް ބަދަލު ކުރަން ކުރާ މަސައްކަތް މިހާރު ވަނީ ގިނަކޮށް، ވަރުގަދަ ކޮށްފަ އެވެ. އެކަމުގައި ދުނިޔޭގެ ބޮޑެތި ޖަމިއްޔާތައް ތިބީ އެކައްޗެއް ކިޔައިގެންނެވެ.
ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) މިކަމުގައި އިސް ދައުރެއް އަދާ ކުރެ އެވެ.
ޔޫއެންގެ އިންސާނީ ހައްގުތަކާ ބެހޭ ސަފީރު ނަވަނެތަމް ޕިއްލޭ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅާއި ދެއްކެވި ވާހަކަފުޅަކީ ރާއްޖެ އެ މަގަށް ގެންދަން ކުރާ މަސައްކަތުގެ ހެއްކެކެވެ. އޭނާ ވަރަށް ސާފުކޮށް ވިދާޅުވީ އިސްލާމީ ޝަރީއަތާ ޚިލާފުވާ ގޮތަކަށް ރާއްޖޭގެ ގާނޫނުލް އުގޫބާތު އިސްލާހު ކުރަން ޖެހޭ ކަމަށެވެ. ހައްދު ޖެހުމަކީ ރާއްޖޭން އުވާލަން ޖެހޭ ކަމެއް ކަމަށެވެ. އެ މައްސަލައިގައި އާއްމު ބަހުސަކަށް ދާން ޖެހޭ ކަމަށެވެ. އިސްލާމްދީނާ ދެކޮޅަށް ލިއުންތައް ލިޔަމުން ދިޔަ ބްލޮގެއް ބަންދުކުރުމުން އެކަމާ ދެކޮޅަށް އޭނާ ދެއްކެވި ވާހަކަ އަކީ ވެސް އެފަދަ ކަމެކެވެ.
ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ޔޫއެން އިން ކުރާ މަސައްކަތް އަދި އޮތީ ހަމަ އެކަނި ވާހަކަ ދެއްކުމާ ހިސާބުގައި ކަމަށް ވެދާނެ އެވެ. ނަމަވެސް އީޔޫއިން ވަނީ އެ ކަމުގައި އެއް ގިޔަރު މައްޗަށް ޖައްސާލާފަ އެވެ. އެ ޖަމާއަތުން ވަނީ ރާއްޖެ އަށް އެހީތެރި ވުމުގައި ވެސް ބަހަނާ ދައްކަން ފަށައިފަ އެވެ.
ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކަށް އެހީތެރިވުމަށް އެ ޖަމާއަތުން ގެންގުޅޭ އެއް ސިޔާސަތަކީ "އެވްރިތިން ބަޓް އާމްސް" (ހަތިޔާރު ނޫނީ ކޮންމެ އެއްޗެއް) ސިޔާސަތެވެ. އެ ސިޔާސަތުގެ ދަށުން ހަތިޔާރު ނޫން ތަކެތި އީޔޫގެ ގައުމުތަކަށް އެކްސްޕޯޓް ކުރާ އިރު ޑިއުޓީއެއް ނުނަގަ އެވެ. އެގޮތުން ރާއްޖޭން އެކްސްޕޯޓް ކުރާ މަހުގެ އުފެއްދުންތަކަށް ޑިއުޓީއެއް ނުނަގަ އެވެ.
ރާއްޖެ ވަނީ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުން އުނިވެ، ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް އަރައިފަ އެވެ. އެހެންވެ އީޔޫގެ އެ އިނާޔަތް އަންނަ ޖެނުއަރީ މަހު ކެނޑޭނެ އެވެ. ނަމަވެސް ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމަކުން ތަރައްގީ ވަމުން އަންނަ ގައުމަކަށް ބަދަލުވާ އިރު، އެ ޖަމާއަތުންދޭ އިނާޔަތެއްވެ އެވެ. އެއީ ތަރައްގީ ވަމުން އަންނަ ގައުމެއްގެ އުސޫލަށް އިގުތިސާދީ ކަންތައްތައް ބައްޓަން ކުރުމަށް ވަގުތު ދިނުމުގެ ގޮތުން ދޭ އިނާޔަތެކެވެ.
އެއީ ނެޖެރަލައިޒްޑް ސިސްޓަމް އޮފް ޕްރިފަރެންސަސް (ޖީއެސްޕީ) ޕްލަސް އެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ދޭ އެއިނާޔަތް ހޯދުމަށް ހުށައަޅަން ޖެހޭ ޕްރޮޕޯސަލް ރާއްޖޭން އީޔޫއަށް ހުށައެޅި އެވެ. އެ ޕްރޮޕޯސަލް ފުރަތަމަ ހުށައެޅުމުން ބުނީ އޭގައި މައްސަލައެއް ނެތް ކަމަށެވެ.
"... އަޅުގަނޑުމެން ހުށަހެޅި އެޕްލިކޭޝަންގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އީޔޫއިން ވަނީ ބުނެފައި. ފުރިހަމަ ކުރަން ޖެހޭ ބައެއް ފުރިހަމަ ނުކުރެވި ނެތް ކަމަށް. ވާހަކަ އަކީ ހުރިހާ ބައެއް ވެސް ހުރީ ފުރިހަމަ ކުރެވިފައި ކަމަށް،" ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު ކަލެކްޓާ އޮފް ކަސްޓަމްސް އަހުމަދު މުހައްމަދު (އަންޑޭ) މި މަހުގެ ތިން ވަނަ ދުވަހު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ކަމަށް ސޮއިކޮށް ތަންފީޒު ކުރަން ޖެހޭ 11 މުއާހަދާއެއް އެ ޕްރޮޕޯސަލް ހުށައެޅުމުގެ ކުރިން ތަންފީޒު ކުރި އެވެ. ނަމަވެސް ރާއްޖޭގެ ގާނޫނު އަސާސީއާ އެއްގޮތަށް، ރާއްޖޭގައި ދެވެން ނެތް މިނިވަންކަން ނުދޭ ގޮތަށް ރިޒަވޭޝަންތައް ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.
ދީނީ މިނިވަންކަން ރާއްޖޭގައި ނުދިނުމަށް ހެދި އެ ރިޒަވޭޝަންތަކާ މެދު އީޔޫގެ ގިނަ ގައުމުތަކުން ނުރުހުނެވެ. ޕްރޮޕޯސަލް ބަލައި ނުގަތުމަށް ނިންމީ އެހެންވެ އެވެ. ޑިއުޓީ ދައްކައިގެން އީޔޫގެ ގައުމުތަކަށް މަސް އެކްސްޕޯޓް ކުރާ ނަމަ އެކަން ކުރަން ޖެހޭނީ ގެއްލުމުގަ އެވެ.
"ރާއްޖޭން ހުށައަޅާފައި އޮތް ރިޒަވޭޝަންގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މުސްލިމަކަށް ނޫނީ ދިވެހި ރައްޔިތަކަށް ނުވެވޭނެ ވާހަކަ އާއި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަން ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ވާހަކަ. އެއީ ރާއްޖޭން ރިޒަވޭޝަނެއްގެ ގޮތުގައި މިމުއާހަދާތަކަށް ކަނޑައަޅާފައި އޮތް އެއްޗަކީ،" އަންޑޭ ވިދާޅުވި އެވެ.
މިއީ، ދައުލަތް ތަމްސީލުކުރާ ވަކި ދީނެއް ނޯންނަ، ދީނީ މިނިވަންކަން އޮތް (ސެކިއުލާ) ގައުމަކަށް ރާއްޖެ ހެދުމަށް އީޔޫއިން މަސައްކަތް ކުރާކަން ރަނގަޅަށް ހާމަވާ ކަމެކެވެ. އެ ޖަމާއަތުގެ މަގުސަދާ މެދު ސުވާލުތައް އުފައްދައި، ރާއްޖެއަށް އެގޮތް ތައާރަފް ކުރަން ބަޔަކު ނޫޅޭ ކަމަށް ބުނާ ފަރާތްތަކުން އަލުން ވިސްނާލަން ޖެހެނީ މި ހިސާބުންނެވެ.
ދެން ސުވާލުކުރަން ޖެހެނީ ރާއްޖޭން މިފަދަ ފިއްތުންތަކަށް ބޯލަނބަން މަޖުބޫރުވާނެތޯ އެވެ.
އެ ސުވާލަށް ދިވެހިން ވަނީ ސާފު ޖަވާބެއް ދީފަ އެވެ. މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރާ ކުންފުނިތަކާއި ސަރުކާރު ގުޅިގެންނެވެ.
ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އީޔޫގައި ނުހިމެނޭ ގައުމުތަކާއި ރަޝިޔާ އާއި ޗައިނާއާއި އެމެރިކާއާއި މެދު އިރުމަތިން މިހާރު ވަނީ މާކެޓް ހޯދާފަ އެވެ. އެހެންވީމާ ޖީއެސްޕީ ޕްލަސް ރާއްޖެ އަށް މިހާރު ބޭނުމެއް ނުވެ އެވެ.
"ސްވިޒަލޭންޑްގެ މަޝްހޫރު ސްޕަމާކެޓް ޗޭނެއް ކަމަށްވާ މީގްރޯސްއާ އަޅުގަނޑުމެން މި ވާހަކަ ދައްކައިގެން އެމީހުން ރާއްޖެ އައިސް، ރާއްޖޭގެ މަސް އެކްސްޕޯޓް ކުރާ ފަރާތްތަކާ އެކު މަސައްކަތް ކުރަމުން އެބަދޭ. ސުވިޒަލޭންޑަކީ ޔޫރަޕްގެ އިއްތިހާދުގެ ގައުމެއް ނޫން، އެހެންވީމާ ސުވިޒަލޭންޑަށް މަސް އެތެރެ ކުރުމުގައި މާބޮޑު މައްސަލައެއް ނޯންނާނެ. ރަޝިޔާ މާކެޓް ހޯދުމަށް މަސައްކަތްތަކެއް ކުރެވިފައި މިއޮތީ. ޗައިނާ މާކެޓަށް ވެސް މަސް ބޭރު ކުރުމުގައި ހުރި އިދާރީ ބައެއް ދަތިތައް ފިލުވައި. ޗައިނާ އަށް ވެސް މިހާރު ގިނަ އަދަދަކަށް މަސް އެކްސްޕޯޓް ކުރަމުނ ދަނީ،" އަންޑޭ އޭރު ވިދާޅުވެފައިވެ އެވެ.
އެ އިނާޔަތް ހޯދުމަށް ސަރުކާރުން ހުށައެޅި ޕްރޮޕޯސަލް އަނބުރާ ގެނައީ އެހެންވެ އެވެ.
އެހެންވީމާ ރާއްޖޭގެ މެސެޖް ވަރަށް ސާފެވެ. ކޮންމެ ފިއްތުމެއް ކުރިމަތި ކުރިޔަސް ދިވެހިން މަގެއް ހޯދާނެ އެވެ. ދީނީ މިނިވަންކަމަކަށް މިތަނުން ޖާގައެއް ނެތެވެ.