07 Dec 2010, 10:57
ސިއްރު އެތައް ލިޔެކިޔުންތަކެއް ލީކް ކޮށްލާފައިވާ ވިކިލީކްސް ވެބްސައިޓްގެ ފައުންޑާ އަދި މަސްއޫލުވެރިއާ ޖޫލިއަން އަސާންޖް ލަންޑަންގައި މިއަދު ހައްޔަރުކޮށްފި އެވެ.
ރާއްޖެ ގަޑިން މިއަދު މެންދުރު 2:30 އެހާކަންހާއިރު ޖޫލިއަން އަސާންޖު،39، ހައްޔަރުކޮށްފައި މިވަނީ، އޭނާ ހައްޔަރު ކުރުމުގެ ރެޑް ނޯޓިސް އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަން [އިންޓަޕޯލް] އިން ނެރުނުތާ ހަފްތާއެއް ވެސް ނުވަނީހެވެ.
ކުރިން ހެކަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ އޮސްޓުރޭލިއާ އަށް އުފަން އަސާންޖު ހައްޔަރު ކުރުމުގެ އަމުރު ނެރެފައި ވަނީ އަންހެނަކު ރޭޕްކުރުމާ އަދި ވެސް އިތުރު ދެ އަންހެނަކަށް އެކި ވަރުގެ ޖިންސީ ހާނިއްކަ ކުރިކަމުގެ ތުހުމަތުގައި ކަމަށް އިންޓަޕޯލްގެ ރަމީސް ވެބްސައިޓްގައިވެ އެވެ.
ނަމަވެސް، އެ ތުހުމަތުތަކަށް އޭނާ ވަނީ ދެކޮޅު ހަދައިފަ އެވެ.
އަސާންޖު މިއަދު ވެސްޓްމިންސްޓާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރާނެ ކަމަށް ބީބީސީ ވެބްސައިޓުގައިވެ އެވެ.
ދާދި ފަހުން ދެ ލައްކަ އަށް ވުރެ ގިނަ އެމެރިކާގެ ސިއްރު ލިޔެކިޔުންތައް ވިކީލީކްސް އިން ލީކުކޮށްލި މައްސަލައާ ގުޅިގެން ބައިނަލް އަގްވާމީ މަސްރަހު ވަނީ ހޫނުވެފަ އެވެ.