ގްލަސްކޯ (ނޮވެމްބަރު 30): އިނގިރޭސިވިލާތުގެ ސްކޮޓްލެންޑްގެ ގްލާސްކޯގެ ޕަބެއް (ރާބޯ ކެފޭއެއް)ގެ މައްޗަށް ހެލިކޮޕްޓަރެއް ވެއްޓުމުގެ ސަބަބުން އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.

ސްކޮޓްލެންޑްގެ ކަމާ ބެހޭ ފަރާތްތަކާ ޙަވާލާދީ ބީބީސީ ބުނާ ގޮތުން "ކްލައްތާ ޕަބް"ގެ މައްޗަށް ވެއްޓުނީ ރޭ ދަންވަރު އެ ސަރަހައްދުގެ މަތިން އުދުހެމުން ދިޔަ ސްކޮޓިޝް ފުލުހުންގެ ހެލިކޮޕްޓަރެކެވެ. ހެލިކޮޕްޓަރު ވެއްޓުނު "ކްލައްތާ ޕަބް" ހުންނަނީ ގްލަސްކޯގެ ސްޓޮކްވިލް ސަރަހައްދުގައި ކްލައިޑް ކޯރުގެ އައްސޭރީގަ އެވެ. ހެލިކޮޕްޓަރު ވެއްޓުމާ އެކު އިވިގެންދިޔަ ގަދަފަދަ އަޑާ އެކު އެތަނުގައިތިބި މީހުން "ގުޅަގުޅައަށް" ނުކުތްއިރު ބައެއްމީހުންގެ ހަށިގަނޑުގައި ޒަޚަމްތައް ހުރި ކަމަށް ޚަބަރުތައް ބުނެ އެވެ. ނަމަވެސް މިހާދިސާގައި މީހަކު މަރުވިކަން މިހާތަނަށް އެނގިފައެއް ނުވެ އެވެ. ހެލިކޮޕްޓަރު ވެއްޓުނު އިރު "ކްލައްތާ ޕަބް"ގައި 120 މީހުން ތިބިކަމަށް ވެ އެވެ.

ސްކޮޓްލެންޑްގެ ބޮޑުވަޒީރު އެލެކްސް ސަމޮންޑް ވަނީ މިހާދިސާގެ ނުރައްކާތެރިކަން ބޮޑުވެފައި އަލިފާން ހިފާފައިވާލެއް ބޮޑުކަމުން މީހުން މަރުވެފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިޝާރާތް ކުރައްވާފަ އެވެ. މިހާދިސާ އަށް ފަހު އަލިފާންނިއްވާ މީހުންނާއި މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ޓީމްތައް ވަނީ އެތަނުގައި ހަރަކާތްތެރިވާން ފަށާފަ އެވެ. އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާގެ ހިތް ވަނީ މިހާދިސާގައި ގެއްލުން ލިބުނު މީހުންނާ އަދި އެމީހުންނަށް އެހީތެރިވާ ފަރާތްތަކާ އެކުގައި ކަމަށް ސިފަކުރައްވާފަ އެވެ. ސްކޮޓްލެންޑްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހްގީގް ކުރާނެކަމަށް ބުނެފަ އެވެ. (ބީބީސީ)