މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތު ދ. މީދޫގައި ބާއްވަން ސަރުކާރުން ނިންމަވައިފި އެވެ. މިކަން އިއުލާނުކުރެއްވީ މީދޫއަށް މިއަދު ހަވީރު ކުރެއްވި ދަތުރުފުޅެއްގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.

މީދޫ ބަނދަރުމަތީގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިހުތިފާލުތައް އެ ރަށުގައި އަންނަ ޑިސެމްބަރު މަހުގެ 10 އަދި 11 ވަނަ ދުވަހު ކުރިޔަށް ގެންދަވާނެ ކަމަށެވެ. މީދޫ ހިމެނޭ މެދުރާއްޖެތެރެ އަކީ މިހާރު މަސްވެރިކަން ވަރަށް ބާރަށް ތަރައްގީވެ ކުރިއަރަމުން އަންނަ ސަރަހައްދެއްކަން ފާހަގަ ކުރައްވައި ޑރ. ޝައިނީ ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މަސްވެރީންނަށް ލިބެން ހުރި ފުރުސަތުތައް ވީހާވެސް ފުޅާ ދާއިރާއެއްގައި ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރު ވިދާޅުވީ ދ. މީދޫގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން މި ސަރަހައްދުގެ މަސްވެރިންނަށް ގިނަ ގުނަ ފުރުސަތުތަކެއް ހުޅުވިގެން އަންނާނޭ ކަމަށެވެ. އެ ގޮތުން މަސްވެރިކަމާ ގުޅުން ހުރި ދާއިރާ ތަކުން މި ރަސްމިއްޔާތަށް މީދޫއަށް ދައުވަތުދެއްވާނޭ ކަމަށާއި މަސްވެރީންނަށް އެ ފަރާތްތަކާ އެކު ގާތް ގުޅުމެއް އުފެދިގެން ދިޔުމުގެ ފުރުސަތު ހުޅުވިގެން އަންނާނޭ ކަމަށް ވެސް ޑރ. ޝައިނީ ވިދާޅުވި އެވެ.

މީދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ފަހު، މީދޫގައި ހުންނަވައިގެން ސަން އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޝައިނީ ވިދާޅުވީ މަސްވެރިންގެ ދުވަސް ޖެހެން އެންމެ ދިހަ ވަރަކަށް ދުވަހަށް ގާތްވެފައި ވަނިކޮށް މި ފަދަ ބޮޑު ރަސްމިއްޔާތަކަށް ތައްޔާރު ވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ވެސް މީދޫ ރައްޔިތުން މިކަން ސަރުކާރާ ގުޅިގެން ކުރައްވަން ނިންމެވީތީ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށާއި އޭގެން ދައްކައިދެނީ މަސްވެރިކަމަށް މީދޫގެ ރައްޔިތުންގެ ހިތުގައި އޮތް ލޯބި ކަމަށް މިނިސްޓަރު ޝައިނީ ފާހަގަ ކުރެއްވި އެވެ.

މީދޫގައި މަސްވެރިންގެ ދުވަހުގެ ރަސްމީ އިހުތިފާލުތައް ކުރިޔަށް ގެންދަން ނިންމާފައިވާ އިރު، މި މަސައްކަތް ކާމިޔާބުކަމާ އެކު ކުރިޔަށް ގެންދިޔުމަށް މި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ޚާއްސަ އެއްބާރުލެއްވުމެއް ލިބިވަޑައިގަންނަވާކަން ފާހަގަ ކުރައްވައި ސިޔާމަށް ޑރ. ޝައިނީ ޚާއްސަ ޝުކުރެއް އަދާކުރެއްވި އެވެ.

އޭގެ އިތުރުން މަސްވެރިން ބާނާ މަހަށް އަބަދުވެސް ދުނިޔޭގެ މާކެޓުގައި ހުންނަ އެންމެ މަތީ އަގެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ފަށްޓަވައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދިވެހި މަސްވެރިން ބާނާ މަހަށް ދުނިޔޭގެ މާކެޓުގައި ހުރި އެންމެ ރަނގަޅު އަގު ހޯއްދަވައިދެއްވުމުގެ ގޮތުން މަސް ބޭރު ކުރުމަށް އިތުރު އާ މާކެޓުތައް ހޯދުމުގެ މަސައްކަތް ވެސް މިހާރު ފަށްޓަވާފައިވާ ކަމަށެވެ. އެހެން ކަމުން މިހާރު ހުރި މަދު މާކެޓް ތަކުގެ އިތުރުން ވެސް އާ މާކެޓުތަކެއް ވަރަށް އަވަހަށް ހުޅުވިގެން އަންނާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރުގެ މި ދަތުރުފުޅުގައި، ދ. މީދޫގެ އިތުރުން އެ އަތޮޅު ހުޅުދެއްޔާއި ރިނބުދޫ އަދި ބަނޑިދޫ އަށް ވަޑައިގެންނެވި އެވެ. އަދި އެ ރަށްރަށުގެ ރަށު ކައުންސިލް ތަކާއި ބައްދަލުކުރައްވައި މަސްވެރީންނަށް މިހާރު ކުރިމަތިވެފައި ހުރި ދަތިތަކާއި މައްސަލަތަކުގެ މައުލޫމާތު ސާފުކުރެއްވި އެވެ.