މިހާރު ކުރިއަށްދާ ގައުމީ ފިރިހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުން ކްލަބް ޕީކޭއާއި ޕޮލިސް ކްލަބް ޖާގަ ހޯދައިފި އެވެ.

މި މުބާރާތުގެ ފައިނަލުން ޕީކޭ ޖާގަ ހޯދީ، ބުރާސްފަތި ދުވަހު ކުޅުނު ސެމީފައިނަލްގެ ފުރަތަ މެޗުގައި ޕޮލިސް ކްލަބާ ވާދަކޮށް ސީދާ ތިންސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. އެ މެޗުގެ ސެޓްތައް ޕީކޭ ކާމިޔާބުކުރީ 25-19، 25-18 އަދި 25-23 އިންނެވެ.

ފައިނަލްގެ ދެވަނަ ޖާގަ ޕޮލިސް ކްލަބު ހޯދީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ޔޫތު ސްޕޯޓްސް އަތުން 3-2 ސެޓުން މޮޅުވި ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)އާއި ވާދަކޮށް ސެމީ ފައިނަލްގެ ތިންވަނަ މެޗު 3-1 ސެޓުން ކާމިޔާބުކޮށްގެންނެވެ.

މިރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ތިން ވަނަ ސެމީގެ ފުރަތަމަ ސެޓް ޕޮލިސް ކާމިޔާބުކުރީ 25-20 އިންނެވެ. އެހެން ނަމަ ވެސް ދެވަނަ ސެޓް 20-25 އިން ކާމިޔާބުކުރީ ސިފައިންނެވެ. ޕޮލިސް ކްލަބުން އިތުރަށް ކުޅުން ރަނގަޅުކޮށް ތިންވަނަ ސެޓާއި ހަތަރު ވަނަ ސެޓް ފަސޭހަކަމާ އެކު ގެނައީ 25-15 އަދި 25-17 އިންނެވެ.

ޕަވަރހޯސް އިން ސްޕޮންސާކޮށްގެން ވޮލީބޯލް އެސޯސިއޭޝަނުން ކުރިއަށް ގެންދާ މި މުބާރާތުގައި ކްލަބް ޕީކޭއާއި ޕޮލިސް ކްލަބް ވާދަކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 9:00ގައި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގަ އެވެ.