ހަ މަސް ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށް، މާފުށީ ޖަލަށް މިއަދު ގެންދިޔަ ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު މަޖިލީހުގެ ޖަލްސާތަކުގައި ދެން ބައިވެރި ކުރުމަށް މާލެ ނުގެންނާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި ހަ މަސް ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށް ހާމިދު ޖަލަށް ގެންދިއުމުގެ ކުރިން ގޭ ބަންދުގައި އޭނާ ހުންނެވިއިރު، މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވި އެވެ. މަޖިލީހުގެ ޖަލްސާތަކުގައި އޭނާ ބައިވެރި ކުރީ ގޮނޑި ނުގެއްލޭ ވަރުގެ ޖިނާއީ ހުކުމެއް އޭނާގެ މައްޗަށް އައިސްފައިވުމުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ކުރުމަށް މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާއި ގާނޫނުގައި ކުރިން ބުނެފައި ވާތީ އެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު "ސަން"އަށް މިރޭ ވިދާޅުވީ ހާމިދު މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ނުކުރަން ނިންމީ އެއް އަހަރު ދުވަހަށްވުރެ ކުރު ޖިނާއީ ހުކުމެއް ތަންފީޒު ކުރާ މަޖިލިސް މެންބަރެންނަމަ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށް އިމްތިޔާޒުތަކުގެ ގާނޫނުގައި ބުނާ މާއްދާ ސުޕްރީމް ކޯޓުން އިއްޔެ ބާތިލް ކުރުމުން ކަމަށެވެ.

"މީހާރު ހާމިދު ޖަލުގައި ބެހެއްޓުމަށް އެއްވެސް ހުރަހެއް ނެތް. އެފަދަ ޖިނާއީ ހުކުމެއް އައުމުން މަޖިލީހުގެ ޖަލްސާތަކުގައި ހާމިދު ބައިވެރި ކުރަންޖެހޭ ސަބަބެއް ނެތް،" ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސް (ޑީޕީއާރްއެސް)ގެ ބެލުމުގެ ދަށުން ހާމިދު މިއަދު ގެންދިޔައީ ކ. މާފުށީ ޖަލަށެވެ. ޖަލަށް ގެންދިއުމުގެ ކުރިން ހާމިދުގެ މެޑިކަލް ޗެކަޕެއް ވެސް ހެދި އެވެ.

ބަނގުރާ ބޭނުން ކުރި ކަމުގެ ތުހުމަތާއި، ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރު ކުރި މައްސަލައިގެ ޝަރީއަތަށް "ފިއްލެވުމަށް" ހާމިދު ވަނީ 28 ދުވަހު މަޖިލީހުން ނުކުމެވަޑައިނުގެން އެތަނުގައި ދިރިއުޅުއްވާފަ އެވެ. ހާމިދުގެ ޣައިރު ހާޒިރުގައި ޖަލު ހުކުމް އޭނާގެ މައްޗަށް ކުރީ މަޖިލީހުގައި ދިރިއުޅުއްވަމުން ގެންދެވި ދުވަސްވަރު އެވެ.

އިމްތިޔާޒު ގާނޫނުގެ ބައެއް މާއްދާތައް ބާތިލް ކުރި ސުޕްރީމް ކޯޓުން އިއްޔެ ހުކުމުގައި ފާހަގަކޮށްފައިވާ ނުކުތާތަކުގައި ބުނެފައި ވަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރާ މަޖިލިސް މެމްބަރަކު ބަންދުގައި ބަހައްޓާ މުއްދަތުގައި މަޖިލީހަށް ހާޒިރު ކުރަން ލާޒިމް ކުރާ ގޮތަށް ގާނޫނުގައި ކަނޑައަޅާފައިވުމުން ގާނޫނު އަސާސީގެ 49 ވަނަ މާއްދާގެ މަގުސަދު ގެއްލޭ ކަމަށެވެ.