ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު މިއަދު ޖަލަށް ބަދަލު ކުރުމުން، އެމްޑީޕީން އެކަމާ ނުރުހުން ފާޅުކޮށްފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހާމިދު ޖަލަށް ބަދަލުކޮށްފައި ވަނީ އޭނާއާ މެދު ލުއި ގޮތަކަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްވާފައި ވަނިކޮށް ކަމަށެވެ.

ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނިކޮށް މީގެ ކުރިން ހާމިދު ގޭބަންދަށް ބަދަލުކޮށްފައި ވަނީ ހުކުމުގެ މުއްދަތުގެ ތެރޭގައި އޭނާ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކުރަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާ ބާރުތަކުގެ ގާނޫނުގައި ބުނެފައި ވާތީ އެވެ.

މިއަދު އޭނާ ޖަލަށް ބަދަލުކޮށްފައި ވަނީ ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ މެމްބަރަކަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވެވޭނެ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކުރުމާ ގުޅިގެންނެވެ.

އިމްތިޔާޒުގެ ގާނޫނުގެ ބައެއް މާއްދާތައް ސުޕްރީމް ކޯޓުން ބާތިލްކުރި ކުރުމަކީ އެމްޑީޕީގެ މެމްބަރުންނަށް އަމާޒުކޮށްގެން ކުރި ކަމެއް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.